ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްޓްމަންޓުގައި މަސައްކަތް ކުރާ މީހުންނަށް ކައްކާ ކާން ތައްޔާރު ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އަދި ފައިސާ ދެއްކުމަށްފަހު ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އެ މިނިސްޓްރީއަށް ފޮނުވަން ޖެހެއެވެ.
ފިނޭންސްގެ އިއުލާނުގައި ބުނެފައިވާ ގޮތުން ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 175,000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޭޕްރީލް 13 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްޓްމަންޓަކީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އިމާރާތްކޮށްފައިވާ އިންސްޓިޓިއުޓެކެވެ. އެ ތަން ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.