ރިޕޯޓް

ރައްޔިތުންގެ އިހްސާސްތައް އަޑުއަހަން މިނިސްޓަރުން ޓްވިޓާގައި

Nov 26, 2018
15

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނު އިންތިހާބަށް ކެމްޕެއިން ކުރެއްވި ދުވަސްވަރު އެންމެ ގިނައިން ދެއްކެވި އެއް ވާހަކަ އަކީ މި ސަރުކާރު ވެގެންދާނީ ރައްޔިތުންގެ ސަރުކާރަކަށް ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އަހައި ރައްޔިތުންގެ ހިޔާލާއެކު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ޝަކުވާ އަޑު އެހުމަށް އެމަނިކުފާނު ވަނީ "ޖަޒީރާ ހޮޅުއަށި" ނަމުގައި ފޯރަމެއްވެސް ފަށާފަ އެވެ. އާންމުންނަށް ހުޅުވާލައިގެން ފެށި އެފޯރަމްގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން މިމަހު ކުރީކޮޅު ވަނީ ބާއްވާފަ އެވެ. ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ އަޑުއަހައި މަސައްކަތް ކުރައްވާނެ ކަަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ މިނިސްޓަރުވެސް ދަނީ މިސާލު ދައްކަވަމުންނެވެ.

އިއްޔެ ޓްވިޓާގައި ވަނީ ރައީސް ސޯލިހްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ދެ މިނިސްޓަރެއްގެ ޓްވީޓްތަކެއް ވަނީ ސަމާލުކަން ހޯދާފަ އެވެ. ރައްޔިތުން ކުރެއްވި ޝަކުވާގެ އަޑު އައްސަވައި ރައްޔިތުން އެދުނު ގޮތަށް ކަންކަން ވަގުތުން ބަދަލު ކޮށްދެއްވާފަ އެވެ. އެކަމުގެ ސަބަބުން އާންމުންގެ ތައުރީފް އެދެ މިނިސްޓަރުންނަށް ލިބިގެންދިޔަ އެވެ.

ކުޑަކުދިންގެ ބަގީޗާ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށް ދިނުމަށްއެދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޓެގް ކުރައްވައި ބެލެނިވެރިއަކު އިއްޔެ ޓްވީޓެއް ކުރި އެވެ. އެޓްވީޓްގައި ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންގެ ބަގީޗާ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އެތަން ހުޅުވާފައި ހުންނަ ގަޑި އުތުރު ކުރަންޖެހޭ ކަމަށެވެ. މިހާރު ހުޅުވާފައި ހުންނަނީ ހަވީރު 4:00 އިން އިރުއޮއްސި 6:30 އަށް ކަމަށްވެސް ޓްވީޓްގައި ވެއެވެ.

އިއްޔެ މެންދުރު ކުރެއްވި އެޓްވީޓަށް މިނިސްޓަރު ވަނީ ރޭ ޖަވާބުދެއްވާފައި ވަގުތު އިތުރުކޮށްދެއްވާފަ އެވެ. މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވަނީ، ސުކޫލް ބަންދު ދުވަސްތަކުގައި ހެނދުނު 7:00 އިން 10:00 އަށް އަދި އަސުރު ނަމާދަށްފަހު މަގްރިބް ވަގުތު ޖެހެންދެން ކުޑަކުދިންގެ ބަގީޗާ ހުޅުވިފައި ހުންނާނެ ކަމަށެވެ.

މިނިސްޓަރު މާރިޔާގެ ޓްވީޓަށް ގިނަބައެއްގެ ތައުރީފް އޮހިގެންދިޔަ އިރު، މިނިސްޓަރު ކަމުގެ އެންމެ ފުރަތަމަ ދުވަހުންގެންވެސް ތަފާތު ދައްކަމުން ރައީސް ސޯލިހުގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްވެސް އިއްޔެ ވަނީ ޕާކިންއާ ގުޅިގެން ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވައި މައްސަލަަ ހައްލުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މަހްލޫފަށް މީހަކު ކުރި ޓްވީޓެއްގައި ވަނީ، މާލޭގައި ޕާކް ކުރުމަށް މިހާރުވެސް އެހާ ދަތިތައް ކުރިމަތިވަމުންދާ ކަމަށާއި މިނިސްޓަރުގެ ކާރު ވަކިން ޕާކް ކުރާނެ ތަނެއް ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހެދުމަކީ މުހިންމު ކަމެއްތޯ އައްސަވައި ސުވާލު ކުރައްވާފައި ވެއެވެ.

އެޓްވީޓް ރީޓްވީޓް ކުރައްވައި މަހުލޫފް ވިދާޅުވީ، ހައުސިން މިނިސްޓްރީގައި އެދިގެން އޭނާގެ ކާރް ޕާކް ކުރާނެ އެހެންތަނެއް ހަމަޖައްސައިދީ ރައްޔިތުންނަށް ޕާކް ކުރަން އެސަރަހައްދު ހުޅުވާލަން އެދޭނެ ކަމަށެވެ. އޭނާ ވަނީ އެކަން ސަމާލުކަމަށް ގެނެސްދީފައިވާތީ ޝުކުރު އަދާ ކުރައްވާފަ އެވެ.

މީގެއިތުރުން އިއްޔެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ އާންމުންގެ ޝަކުވާއަކަށް ޖަވާބު ދެއްވާފަ އެވެ. އެގޮތުން ބޮޑުތަކުރުފާނުގެ ޒިޔާރަތް ކުރިމަތި މުދާ އަޅާ ޖަމާކޮށްފައިވާތީ އެކަން ޔުމްނާގެ ސަމާލު ކަމަށް އާންމު މީހަކު ގެނަ އެވެ. ޔުމްނާ ވަނީ އެ ޓްވީޓަށް ރިޕްލައި ކުރައްވައި އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ރުއް ގަސް ނަގާ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިކުރާ މިންވަރު ބޮޑުވުމާއެކު، އެކަމަށް ފިޔަވަޅު އަޅަން ފުލުހުންނަށް އަންގަވާފައިވެ އެވެ.

ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި އެމަނިކުފާނު ވާނީ ރައްޔިތުންގެ މީހެއް ކަމަށް ވަނީ މީގެ ކުރިންވެސް ވަރަށް ގިނައިން ވިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ އަޑު އެންމެ ގާތުން އަޑު އައްސަވައި ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ މިނިސްޓަރުވެސް ދަނީ ރައީސް ސޯލިހްގެ ބަސް ދަމަހައްޓައި ރައްޔިތުންގެ އަޑު ގާތުން އަހަމުންނެވެ. ރައްޔިތުން ދަނީ ރައީސް ސޯލިހްގެ
އެކަންކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންނެވެ.