މިހާރު އާޖެންޓީނާ އާއި ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ސަޕޯޓަރުންގެ ބޮލުން ދުން އަރާނެ އެވެ. ސަބަބަކީ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި މެސީ ހުއްޓައި، އޭނާއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސައިންސްވެރިންގެ ޓީމަކުން މިފަދަ ބޮޑު ޝަރަފެއް ދިނީމަ އެވެ.
މިއޮތްހާ ދުވަހު މެސީގެ ސަޕޯޓަރުންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނަމުން ދިޔައީ އެހެން ގެލެކްސީއަކަށް ނިސްބަތް ވަނީ މެސީ ކަމަށާއި ފުޓްބޯޅައިގެ އޭލިއަނަކީ މެސީ ކަމަށެވެ. އެކަމަކު މިހާރުގެ ނަތީޖާ ބުރަވެފައި މި އޮތީ ޕޯޗުގަލް އާއި ރިއަލް މެޑްރިޑްގެ ސުޕަސްޓާރުގެ ކޮޅަށެވެ.
އަލަށް ހޯދި ގެލެކްސީއަށް ނުޖޫމީއިލްމުވެރިންގެ ޓީމުން ދީފައިވާ ރަސްމީ ނަމަކީ ކޮސްމޯސް ރެޑްޝިފްޓް 7 އެވެ. ނަމަވެސް މި ގެލެކްސީއެއް ހޯދުމުގައި އަދި އެއަށް ނަން ދިނުމުގައި އިސްކޮށް އުޅުނު ނުޖޫމީއިލްމުވެރިޔާ ބުނެފައި ވަނީ އަލަށް ފެނުނު ގެލެކްސީ އަށް މި ނަން ދިނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވަނަމަށް ނިސްބަތްކޮށް ކަމަށާއި އޭނާ އަކީ މި ނަން ހޯދުމުގައި އޭނާ އަކީ އިންސްޕިރޭޝަނެއް ކަމަށެވެ.
ރޮނާލްޑޯ އަށް އޭނާގެ ފޭނުން ލޯބިން ކިޔައި އުޅެނީ ސީއާރްސެވަން (CR7) އެވެ. މިއީ މި ގެލެކްސީ އަށް ވެސް ލޯބިން ކިޔައި އުޅޭ ގޮތެކެވެ. ނުވަތަ އޭގެ ކުރު ނަމެވެ.
ސީއާރްސެވަން އަކީ ރޮނާލްޑޯގެ ބްރޭންޑް ނަން ވެސްމެ އެވެ.
ގެލެކްސީ އަށް ނަން ދިން ނުޖޫމީއިލްމުވެރިޔާ އަކީ ރޮނާލްޑޯ ވެސް އުފަން ޕޯޗުގަލް އަށް ނިސްބަތްވާ ފަރާތެކެވެ. މި ގެލެކްސީއަކަށް ރޮނާލްޑޯގެ ވަނަމުން ނަން ދެވުނު ގޮތް އެނގިއްޖެއެއް ނޫން ހެއްޔެވެ؟
ނަމަވެސް ރޮނާލްޑޯ އާއި މި ގެލެކްސީގައި އެއްގޮތް ސިފަތަކެއް ވެސް އެބަހުއްޓެވެ. ރޮނާލްޑޯ އަކީ ފުޓްބޯޅައިގެ ދަނޑުގައި މިއަދު އެންމެ ގަދަ އަށް ވިދައި ބަބުޅަމުންދާ ކުޅުންތެރިޔާ އެވެ. އަލަށް ހޯދި މި ގެލެކްސީ އަކީ ވެސް މިހާތަނަށް ހޯދި މިފަދަ އެންމެ އަލިގަދަ ގެލެކްސީ އެވެ.