ބާސެލޯނާ

ކުޅުންތެރިންނަށް އެންމެ ބޮޑު މުސާރައެއް ދެނީ ބާސާއިން

ދުނިޔޭގެ ކުޅިވަރުގައި ކުޅުންތެރިންނަށް އެންމެ ބޮޑު މުސާރަ ދޭ ކުލަބަކަށް އެފްސީ ބާސެލޯނާ ވެއްޖެ އެވެ. ބާސާގެ ކުޅުންތެރިންނަށް އެ ކުލަބުން ރެކޯޑް މިންވަރުގެ ބޮޑު މުސާރައެއް ދެ އެވެ.

ގޯލޯބަލް ސްޕޯޓްސް ސެލަރީ ސާވޭއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ސީޒަންގައި ބާސާގެ ސީނިއާ ޓީމުގެ 23 ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކީވެސް މުސާރައިގެ ގޮތުގައި އަހަރަކު ނިސްބަތުން 10.45 މިލިއަން ޕައުންޑް (207 މިލިއަން ދިވެހި ރުފިޔާ) ލިބޭ ކުޅުންތެރިޔެކެވެ. އެއީ ބޯނަސް ފައިސާ ނުހިމަނައި ލިބޭ މިންވަރެވެ.

މި ސީޒަނަށް، ބާސާއަށް އަލަށް ގެނައި ކުޅުންތެރިން ކަމަށްވާ އަރުތޫރު މެލޯ، މެލްކޮމް އަދި ވިޑާލްއަށްވެސް 10 މިލިއަން ޕައުންޑަށްވުރެ މަތިން މުސާރަ ލިބޭނެ އެވެ. ބާސާގެ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބެނީ، ކެޕްޓަން ލިއޮނަލް މެސީ އަށެވެ. މުސާރައިގެ ގޮތުގައި އަހަރަކު 50 މިލިިއަން ޕައުންޑް އޭނާއަށް ލިބެ އެވެ.

އެ ސާވޭއިން ދައްކާ ގޮތުގައި ދެވަނަ އަށް އެންމެ ބޮޑު މުސާރައެއް ދެނީ ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަށެވެ. އެގޮތުން ރެއާލްގެ ކޮންމެ ކުޅުންތެރިޔަކަށް 8.1 މިލިއަން ޕައުންޑް ދެ އެވެ.

ލިސްޓްގެ ދެން އޮތް އަނެއް ހަ ޖާގަގައި ހިމެނިފައި ވަނީ އެންބީއޭ ކުލަބުތަކެވެ. މި ސާވޭއިން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ އަގުބޮޑު ލީގަކީ އިނގިރޭސި ޕްރިމިއާ ލީގްގެ ކުލަބުތަކެވެ. އެގޮތުން ޕްރިމިއާ ލީގްގެ ހުރިހާ ކުލަބެއްގެ ސީނިއާ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް މުސާރައިގެ ނިސްބަތުން 2.99 މިލިއަން ޕައުންޑް ލިބެ އެވެ.

އިނގިރޭސި ވިލާތުގެ ކުލަބުތަކުގެ ތެރެއިން ކުޅުންތެރިންނަށް އެންމެ ބޮޑު މުސާރައެއް ދެނީ، މެންޗެސްޓާ ޔުނައިޓަޑުންނެވެ. އެ ކުލަބުގެ ސީނިއާ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް މުސާރައިގެ ގޮތުގައި އަހަރަކު 6.53 މިލިއަން ޕައުންޑް ދެ އެވެ. ވާދަވެރި މެންޗެސްޓާ ސިޓީގެ ކޮންމެ ކުޅުންތެރިޔަކަށް މުސާރައިގެ ގޮތުގައި އަހަރަކު 5.5 މިލިއަން ޔޫރޯ ދެ އެވެ.