ހަބަރު

މި ފެށުނީ އިންޑިއާ، ރާއްޖެ ގުޅުމުގެ އާ ޒަމާނެއް: ޝާހިދު

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު، އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރޭޖާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

މިނިސްޓަރު ޝާހިދު، ސުޝްމާއާ ބައްދަލުކުރައްވާފައިވަނީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ، ހިތްހަމަޖެހޭ މަޝްވަރާތަކެއް ކުރެވިއްޖެ ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާ ގުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އާ ޒަމާނަކަށް ގެންގޮސްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ މައުލޫމާތު މިނިސްޓަރު ހިއްސާކުރައްވާފައެއް ނުވެ އެވެ.

މިނިސްޓަރު ޝާހިދުއާއެކު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް އެދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި އާ ސަރުކާރާ އެކު އިންޑިއާ-ރާއްޖޭގެ ގުޅުމުގައި އޮތް ނުތަނަވަސްކަން ވަނީ ނިމުމަކަށް އައިސްފަ އެވެ. އޭގެ ބަދަލުގައި އިންޑިއާއިން ރާއްޖެއާ މެދު ދެކެނީ އުންމީދީ ނަޒަރަކުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާ ކުރެއްވުމުގެ ރައްމިއްޔާތަށް ވަޑައިގަތުމަކީ، އެކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ.

އިންޑިއާ ދަތުރުފުޅުގައި ޝާހިދު ވިދާޅުވި ގޮތުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ އިގްތިސާދީ ގޮތުން އިންޑިއާޔާ އެކު އިތުރަށް ގުޅުން ބަދަހި ކުރުމާއި އެހެން ގައުމުތަކެކޭ އެއްގޮތަށް އިންޑިއާގެ އިންވެސްޓްމަންޓްތައް ވެސް ރާއްޖެއަށް އިތުރު ކުރުމަށެވެ.