މެގަ މޯލްޑިވްސް

މެގަ މޯލްޑިވްސްއިން މީރާއަށް 70 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

މާލީ މައްސަލަތައް ދިމާވެ ހުއްޓާލާފައިވާ، މެގަ މޯލްޑިވްސް އެއާލައިނުން ޓެކްސް އާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި، 70 މިލިއަން ރުފިޔާ ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކަން އެއާލައިންގެ މައްޗަށް ހުކުމްކޮށްފި އެވެ.

މެގަ މޯލްޑިވްސް ހިންގި، މެގަ ގްލޯބަލް އެއާ ސާވިސް މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، ވިތް ހޯލްޑިން ޓެކްސް އާއި އެފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ އަދި އިންޓަރެސްޓްގެ ގޮތުގައި 70.2 މިލިއަން ރުފިޔާ އެ ކުންފުނިން މީރާއަށް ދައްކަން ޖެހޭކަން ސާބިތުވާ ކަމަށެވެ. އަދި އެ ފައިސާ މިއަދުން ފެށިގެން އެއް އަހަރު، ނޫނީ 12 މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ވެސް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެއީ، 12 މަހަށް ބަލާ ނަމަ މަހަކަށް، 5.9 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ވެސް، މީރާއިން މެގަ މޯލްޑިވްސްގެ މައްޗަށް އިތުރު ދައުވާއެއް ވެސް ސިވިލް ކޯޓްގައި އަންނަނީ ކުރަމުން އެވެ. އެއީ، އޭޓީއެފްގެ ގޮތުގައި ނުދައްކާ ހުރި ފައިސާ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއަށްވާ 851،202 ޑޮލަރާއި 2،800 ރުފިޔާ ހޯދުމަށް ކުރާ ދައުވާ އެވެ.

މެގަ މޯލްޑިވްސްގެ އުދުހުންތައް ހުއްޓާލީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އެ އެއާލައިން އެހެން ބަޔަކަށް ވިއްކާލައި އަލުން އުދުހުންތައް އަލުން ފަށާނެ ކަމުގެ އަޑުތަކެއް އެރި ނަމަވެސް، އެންމެ ފަހުން އެ އެއާލައިންގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލައި އެ ކުންފުނިން ގެނެސްފައިވާ ބޯޓްތައް ވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އަދި އެ ކުންފުނި އުވާލުމަށް އިއުލާން ވެސް ކުރި އެވެ.