ރައީސް މުހައްމަދު ނަޝީދު

މިނިވަންވުމާ އެކު ނަޝީދުގެ ޕާސްޕޯޓް އަނބުރާދީފި

Nov 26, 2018
2

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންވުމާ އެކު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، ޕާސްޕޯޓް ހައްދަވައިފި އެވެ.

ޖަލުގައި ހުންނެވުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ދިވެހި ޕާސްޕޯޓްގަ އެވެ. އެހެން ނަމަވެސް، އެމަނިކުފާނު ބޭރުން ހިމާޔާތް ހޯއްދަވައި ރާއްޖެއަށް އަނބުރާ ވަޑައިނުގަތުމުން އެމަނިކުފާނު ޕާސްޕޯޓް ކެންސަލް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި އެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިން މެދުވެރިކޮށް ހައްޔަރު ކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. އެއާ އެކު އެމަނިކުފާނު މިއަދު ވަނީ އިމިގްރޭޝަނަށް ހަވީރު ވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ވަނީ ކައުންޓަރަށް ވަޑައިގެން ޕާސްޕޯޓާ ހަވާލުވެ ވަޑައިގެންފަ އެވެ.

ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ޑިޕްލޮމެޓިކް ޕާސްޕޯޓެކެވެ. މީގެ ކުރިން އެމަނިކުފާނު ދަތުރު ކުރައްވަމުން ގެންދެވީ ސިޔާސީ ހިމާޔަތުގެ ދަށުން އެމަނިކުފާނަށް އިނގިރޭސިވިލާތުން ދީފައިވާ ޕާސްޕޯޓެއްގަ އެވެ.