އިމިގްރޭޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި އިސްލާހުތަކާމެދު ވާދަވެރި ސިޔާސީ ބޭފުޅުންނާއި ބައެއް އާންމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް ވަނީ އިތުުރު އިސްލާހުތަކެއް އެ ބިލަށް ގެނައުމަށް ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ ބިލްގެ ހަތްވަނަ މާއްދާގެ ކުރިއަށް މާއްދާއެއް އިތުރުކުރުމަށް ހުށައަޅުއްވާފައެވެ. އެގޮތުން ރެސިޑެންޓް ވިޒާއަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީއެއް ނުވަތަ ދިވެހިރާއްޖޭގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ދިނުމަށް ހުށައަޅާފައެވެ.
ރައީސް ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުމަށް ބަހުސް ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންގެ ބައްދަލްވުމެއް ވަނީ ބާއްވާފައެވެ. އެ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ވަނީ އެ އިސްލާހުތަކާ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުންވެސް ހިމެނެއެވެ.
އިމިގްރޭޝަން ގާނޫނަށް މި އިސްލާހުތައް ގެނައުމާމެދު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުންވެސް ހިމެނެއެވެ.
ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެންމެ އަސާސީ ހައްގުތައްވެސް ކަށަވަރުކޮށް ނުދީ، އަވައްޓެރި ގައުމެއްގެ ނުބައި ރޭވުންތަކުގެ ތެރެއިން ގާނޫނު އަސާސީއާ ހިލާފަށް ބޭރު މީހުންނަށް ދާއިމީ ރަށްވެހިކަން ދިނުމަކީ ސައްތައިން ސައްތަ އިސްލާމީ މި ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
"ލޮބުވެތި ރައްޔިތުން ހޭލާ،"
ކުރީގެ ނާއިބް ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް ހުށައަޅާފައިވާ އިސްލާހަކީ ދިވެހި ގައުމިއްޔަތު ނައްތާލަން ރާވާ ރޭވުމެއް ކަމަށެވެ. އަދި މިއީ ގައުމުގެ ހުރިހާ ލީޑަރުން އެކުގައި ތެދުވަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާ ފަސޭހަކޮށް މިކަން ދޫކޮށްލައިފިނަމަ މާދަމާ ދިވެހިރާއްޖެ ކިޔާނެ ތަނެއް ނޯންނާނެ. އަބަދުވެސް ދިވެހިންނަށް ގެއްލުންދޭން ރާވަނީ ކީއްވެބާ،" ޖަމީލް ސުވާލު ކުރެއްވިއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފަލަސްތީނުގެ މިނިވަންކަން ނިގުޅައިގަނެ ގުދުސް އަޅުވެތި ކުރުމަށް އެންމެ ފުރަތަމަ ކުރެވުނު ކަމަކީ އެ ގައުމުގެ ބިން ވިއްކުމާއި ޔަހޫދީންނަށް ދާއިމީ ގޮތެއްގައި އެތާ ތިބެވޭނެ ގޮތް ހެދުން ކަމަށެވެ.
"މިއީ ގައުމެއް އަޅުވެތިކޮށް ހަރާބުކޮށްލަން ކުރާ ފުރަތަމަ ކަންތައް. މިފަދަ ކަންކަމާމެދު ސަމާލުވާން ޖެހޭ،" ނަޝީދު ހުށައެޅުއްވި އިސްލާހުތަކާމެދު ކަންބޮޑުވުން ފާޅުކޮށް ޝަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން މެންބަރުން ވިދާޅުވީ ރައީސް ނަޝީދު އެދިވަޑައިގެންނެވި ގޮތަށް އިސްލާހުތައް ގެނެސްފިނަމަ އޭގެ ނާޖައިޒު ފައިދާ ނަގާނެ ކަމަށެވެ.
އެެހެން ކަމުން އެކަންކަމާމެދު އިތުރަށް މަޝްވަރާ ކުރުމަށް ކޮމެޓީއަށް ކަމާގުޅޭ ދާއިރާތަކުން ބޭފުޅުން ހާޒިރުކުރުމަށެވެ. އެގޮތުން އެންމެ ފުރަތަމަ އެެ ކޮމެޓީއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހާޒިރުކުރުމަށް ކޮމެޓީން ނިންމިއެވެ.
މި އިސްލާހުތައް ހުށައަޅާފައިނުވާ ކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން މިހާރު ގެންދަވަނީ ވިދާޅުވަމުންނެވެ.