އިނގިރޭސި ބަހުން ޓްވީޓެއް ކުރައްވާ ކޮއްކޮ، ނާޒިމު އަބްދުއްސައްތާރު ހައްޔަރުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދެ މަގުސަދެއްގައި ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ނާޒިމު ހައްޔަރުކުރުމާ ގުޅިގެން ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ނާޒިމު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ނާޒިމު ހައްޔަރު ކުރީ ޖިނާއީ އިޖުރައާތާ ހިލާފަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ނާޒިމު ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރުގެ ނުފޫޒުންނެވެ. އަދި އެގޮތަށް ސަރުކާރުން އަމަލުކުރީ ސަރުކާރާއި ގުޅިފައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށްވެސް އިނގިރޭސި ބަހުން ކުރެއްވި ޓްވީޓްގައި ނަޝީދު ތުހުމަތު ކުރައްވާފައިވެ އެވެ.
މެންބަރު ޝިޔާމް ވިދާޅުވި ގޮތުގައި ނަޝީދުގެ ޓްވީޓް އިނގިރޭސިން އައީ ދެ މަގުސަދެއްގައި ކަމަށެވެ. އެއީ އެއް ޖިންސުން ގުޅުން ހިންގުމަކީ އިންސާނީ ހައްގެއް ކަމަށް ވަކާލާތު ކުރާ ފަރާތްތަކުގެ ސަޕޯޓު ހޯދުމާއި ދީނީ އިލްމުވެރިންނަކީ އެކްސްޓުރީމިސްޓުން ކަމަށް ބޭރު ދުނިޔެއަށް ބުނެދޭން މަސައްކަތް ކުރުމަށް ކަމަށެވެ. ޝިޔާމްގެ ޓްވީޓްގައި ވަނީ "ކުޑަކެކުރި ބޮޑުކެކުރި" ޒަމާން ނިމިއްޖެ ކަމަށް ހީކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.
ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ނާޒިމް ސައްތާރު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ވީޑިއޯގެ މައްސަލާގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރިއެވެ. އަދި ފަހުން ވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.
މައްސަލައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމުމަށް ފަހު އެކަށީގެންވާ ހެކި ލިބުމުން އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން މިއަދު ވަނީ ފަށާފައެވެ. މި އޮޕަރޭޝަންގައި ނަޝީދުގެ ކޮއްކޮ، ނާޒިމް ހައްޔަރު ކުރީ އއ އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރުމުން ނާޒިމް ރިސޯޓަށް ވަޑައިގެންނެވީ އެވެ. ހައްޔަރު ކުރިއިރު އޭނާ ހުރި އއ އަތޮޅުގެ ރިސޯޓަށް ދިއުމުގެ ކުރީން އިތުރު ރިސޯޓަކަށްވެސް ދިޔަ ކަމަށް ބުނެ އެވެ. ނަމަވެސް ފުލުހުންގެ އިސް ބޭފުޅަކު އަވަސްއަށް ޔަގީން ކޮށްދެއްވި ގޮތުގައި ނާޒިމް ހައްޔަރު ކުރަން ފުލުހުން އެ ރިސޯޓަށް ދިއުމުން އޭނާ ވަނީ ރުހުމުގައި ފުލުހުންނާއި ހަވާލުވެފައެވެ. އެހެން ކަމުން ފުލުހުން އެ ރިސޯޓަށް އަރާފައިނުވާ ކަމަށެވެ.