ހަބަރު

ޓެކް ކައުންސިލެއް އުފައްދަން ނިންމައިފި

މިނިސްޓްރީގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޓެކް ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ޓެކް ކައުންސިލްގައި ހިމެނޭނީ ސަރުކާރުގެ ތެރޭގައި ތިއްބެވި އިންފޮމޭޝަން ޓެކްނޮލޮޖީއާގެ ދާއިރާއާ ގުޅުންހުރި ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ތެރެއިން ހުރިހާ ސިނާއަތެއް ތަމްސީލް ކުރާ ފަރާތްތަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ސަރުކާރުން މަތިން ތިރިއަށް ގެންދާ އުސޫލެއް ނޫން، ތިރިން މައްޗަށްވެސް، އޭގެ މާނައަކީ މިދާއިރާގައި ހަރަކާތްތެރިވާ ވަރަށް ގިނަ ފަރާތްތަކެއްގެ މަޝްވަރާއާ ލަފާ ހޯދައިގެން އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް ރާއްޖޭގެ އައިޓީ ސެކްޓާ، މި ދާއިރާ ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ސަރުކާރުގައި ހުރީ، އެކަން އެންމެ ރަނގަޅަށް ކުރެވޭނީ އެކި އެކި ދާއިރާތަކުގެ ތަޖްރިބާކާރުންގެ އެހީތެރިކަމާއެކު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ވިސްނުންހުރީ 10 ބޭފުޅުން ހިމެނިވަޑައިގަންނަވާ ކައުންސިލެއް ގާއިމް ކުރަން ކަމަށާއި ހުރިހާ ދާއިރާއެއްގެ މަންދޫބުން ހިމެނޭ ގޮތަށް ކައުންސިލް އެކުލަވާލަން ކަމަށެވެ.

"ލަފަޔާ މަޝްވަރާ ހޯދުުން މި ކައުންސިލް އެކުލަވާލުމުގެ މަގްސަދަކީ، 10 ވަރަކަށް ބޭފުޅުން ހިމެނޭ ހުރިހާ ދާއިރާރެޕްރެޒެންޓް ކުރާ ކައުންސިލަކަށް އެކައުންސިލް ވެގެންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޓެކް ކޮމިއުނިޓީގެ އިސް ފަރާތްތަކާއި ޒުވާނުންނާއި ބައްދަލުކޮށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމާއި ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

މިނިސްޓަރު މިއަދު ވަނީ ޓެކް ކޮމިއުނިޓީގެ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވައި ދިމާވެފައިވާ ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަޝްވަރާ ބައްދަލުވުންތައް ބާއްވައި ހިޔާލުތައް ހޯދައިގެން ކުރިއަށް ގެންްދަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.