ދިވެހި ޕްރެމިއާ ލީގް

ގަދަ ހިތްވަރެއް ނެރެ ފޯކައިދޫއިން ގްރީން ސްޓްރީޓް ބަލިކޮށްލައިފި

ގްރީން ސްޓްރީޓުން ފުރަތަމަ ހާފުގައި ލީޑް ނަގާފައި ވަނިކޮށް، ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ހަތަރު ލަނޑާއެކު 4-1 ން ގްރީން ސްޓްރީޓްގެ މައްޗަށް ށ. ފޯކައިދޫއިން ކުރި ހޯދައިފި އެވެ.

ލީގްގެ ފުރަތަމަ ބުރުގައިވެސް، ފޯކައިދޫ ޓީމުން ވަނީ ގްރީން ސްޓްރީޓް އަތުން މޮޅު ހޯދުމާ ދާދި ކައިރިއަށް ޖެހިލާފަ އެވެ. އެ މެޗުގައި ފޯކައިދޫއިން ލީޑް ނަގާފައި ވަނިކޮށް ގްރީން ސްޓްރީޓުން 1-1 ން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު ކޮޅުގައި ކާމިޔާބު ކުރި ލަނޑުންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީ ގްރީން ސްޓްރީޓުންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 29 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ ނަސޫހް ރަޝީދެވެ.

ގުރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ވަނީ، ފޯކައިދޫ ޓީމު ހޯދި ކާމިޔާބަށް މަރުހަބާ ކިޔާފަ އެވެ. އޭނާ ބުނީ، މެޗުގައި ގްރީންގެ މުހިންމު ބައެއް ކުޅުންތެރިން ނެތުމުން އެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެއް ކަމަށެވެ.

"ފޯކައިދޫ ވަރަށް ރަނގަޅަށް ކުޅެފި، ގްރީން މި ފެނުނީ ވަރަށް އާދައިގެކޮށް ކުޅުނުތަން، ދެން އަނެއްކާ ބައެއް މުހިންމު ކުޅުންތެރިން ނެތުންވެސްމީ އާދައިގެ ކުޅުމެއް ފެނުނު ސަބަބަކަށް ވެދާނެ،" މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ. "ދެން މި މެޗުގެ މުހިންމު ކަމަށް ބަލާއިރު ކޮންމެ ގޮތަކަށްވެސް މިއޮތް ޕޮޒިޝަން ބަދަލު ކޮށްލާކަށް ހަމަގައިމުވެސް ޗާންސެއް ނެތް ގްރީންއަކަށް، ފަސް ވަނައިގައި ނިންމާލަން ޖެހޭނީ."

ފޯކައިދޫ ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ބިދޭސީ ކުޅުންތެރިޔާ ހަލީލް ޖަމާލް އެވެ. ފޯކައިދުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީވެސް އޭނާ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 51 ވަނަ މިނެޓްގަ އެވެ.

އެ ޓީމުގެ ދެ ވަނަ ލަނޑު އޭގެ ހަ މިނެޓް ފަހުން ކާމިޔާބު ކުރީ ހަސަން ނަޒީމް އެވެ. ތިން ވަނަ ލަނޑު 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފޯކައިދޫގެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހްމަދު ޝަމާލް އެވެ. ހަތަރު ވަނަ ލަނޑު ހަލީލް ކާމިޔާބު ކުރީ 83 ވަނަ މިނެޓްގަ އެވެ.

އޭއެފްސީ ކޯޗިންގެ 'އޭ' ލައިސެންސް އިއްޔަ ހާސިލު ކުރި، ފޯކައިދޫ ޓީމުގެ ކޯޗް އަލީ ނިޝާތާރު މުހައްމަދު ބުނީ، ގްރީން ސްޓްރީޓް ކަހަލަ ޓީމެއްގެ އަތުން ބޮޑެއް މޮޅެއް ލިބުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

"އަޅުގަނޑުމެން ކުޅެމުން މިއަންނަނީވެސް ކުޅުންތެރިންނަށް ގިނަ ފުރުސަތު ދޭން ވެގެން ޓީމު ރޮޓޭޓްވެސް ކޮށްލައިގެން ކުޅެނީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ނިޝްތާރު ބުންޏެވެ. "އެހެންނަމަވެސް ފެށުނީންސުރެ އަޅުގަނޑުމެން ކުޅުންތެރިންގެ ގާތު ބުނަމުން މި އަންނަނީ ކޮންމެވެސް ބޮޑު ޓީމަކަށް ލަނޑެއް ދޭން ވާނެޔޭ، މިއަދު އެ ފެނުނީ ކުޅުންތެރިންގެ ފަރާތުން އެ ހިތްވަރު."

މިދިޔަ އަހަރު އއ. މާޅޮސް ޓީމާއެކުވެސް، ނިޝްތާރު ވަނީ ގްރީން ސްޓްރީޓް ބަލިކޮށްފަ އެވެ. އޭނާ ބުނީ އޭރުގެ ހާލަތާއި މިހާރުގެ ހާލަތުވެސް ތަފާތު ކަމަށެވެ. އެހެންވެ އެ ނަތީޖާއާ މެދު ނުވިސްނާ ކަމަށެވެ.

"އޭރު އަޅުގަނޑުވެސް ހުރީ އެހެން ޓީމެއްގައި، އަދި ގްރީން ސްޓްރީޓްގެ ޓީމުވެސް އޮތީ ބަދަލުވެފަ، އެ ޓީމުގައިވެސް އެ ހުރީ އޭރު ހުރި ކޯޗެއްވެސް ނޫން."