ހަބަރު

ޕެޑުން ނަގާ ޓެކްސް އުވާލަން މަޖިލީހަށް ހުށަހަޅައިފި

އަންހެނުން ޖަހާ ޕެޑުން ޓެކްސް ނެގުން އުވާލަން މަޖިލީހަށް ހުށަހަޅައި، މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ޕެޑުން ޖީއެސްޓީ ނެގުން ހުއްޓާލަން މަޖިލީހަށް ހުށަހަޅާފައިވަނީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އެވެ. މާދަމާ އޮތީ އެއިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ޕެޑުން ޖީއެސްޓީ ނެގުން ހުއްޓާލުން ހިމެނެ އެވެ. ރައީސް ސޯލިހް، ކެމްޕެއިން ދުވަސްވަރުވެސް ވަނީ ޕެޑުން ޓެކްސް ނެގުން ހުއްޓާލާނެ ކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންފަ އެވެ.

މައްސަރު ކަންތައް ޖެހުމުން ބޭނުން ކުރާ ޕެޑަކީ އަސާސީ އެއްޗެއްގެ ގޮތުގައި ޖީއެސްޓީ އިން ނުބަލަ އެވެ. ޕެޑުން ޖީއެސްޓީގެ ގޮތުގައި ހަ ޕަސެންޓް މިހާރު ނަގަ އެވެ. އަންހެނުން ބޭނުން ކުރާ ޕެޑުން ޖީއެސްޓީ ނަގާތީ އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގެ ކެމްޕޭނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޕެޑުން ޖީއެސްޓީ ނެގުން ހުއްޓާލަން ބިލް ހުށަހަޅާފައިވާއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުވެސް ވަނީ ޕެޑުން ޓެކްސް ނެގުން ހުއްޓާލާފަ އެވެ. އެގޮތުން އިންޑިއާގައި މިއަހަރު ވަނީ ޕެޑުން ޓެކްްސް ނެގުން ހުއްޓާލާފަ އެވެ.