ދިވެހި ޕްރެމިއާ ލީގް

ނިލަންދޫއިން ވިކްޓަރީއަށް ވަރުގަދަ ފިލާވަޅެއް ނަގައިދީފި

ކުޅުންތެރިން ޕްރެކްޓިސް ކުރުން ހުއްޓާލާފައިވާ ވިކްޓަރީގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ފ. ނިލަންދޫއިން ވިކްޓަރީއަށް ފިލާވަޅެއް ނަގައި ދީފި އެވެ.

މުސާރައިގެ މައްސަލަ ވިކްޓަރީގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކަށް ވެސް ވަނީ ކުރިމަތި ވެފަ އެވެ. ނަމަވެސް އެއިން އެއްވެސް ޓީމަކުން އެކީއެކައްޗަކަށް ޕްރެކްޓިސް ކުރުން ހުއްޓާލާފައި ނުވެ އެވެ. ވިކްޓަރީގެ ކުޅުންތެރިން ވަނީ އެ ޓީމުގެ ޕްރެކްޓިހަށް ނިކުތުން އެކީއެކައްޗަކަށް ހުއްޓާލާފަ އެވެ. ކުލަބުން ކުޅުންތެރިންނަށް މުސާރަ ނުދޭތާވެސް ފަސް މަސް ވެއްޖެ އެވެ.

މިރޭ، ނިލަންދުއާ ދެކޮޅަށް ކުޅުނު މެޗަށްވެސް ނިކުތީ އެއްވެސް ޕްރެކްޓިހެއް ނެތި އެވެ. ވިކްޓަރީގެ ފަރާތުން ފެނުނީ އާދަޔާ ހިލާފް ދަށް ކުޅުމެކެވެ. މިދިޔަ ހަފުތާގައި އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީގެ ޓީމު ހަމަނުވާތީ ކުޅެފައެއް ނުވެ އެވެ.

މުޅި މެޗުގައިވެސް، ނިލަންދޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. މެޗު ފެށިގެން ފުރަތަމަ މިނެޓްގައި، ނިލަންދޫގެ އިބްރާހިމް ފުރުގާން ‘ފުގޭ’ ވަނީ ވިކްޓަރީގެ ޑިފެންސް ފޫއަޅުވާލަުމަށް ފަހު ގޯލް ކާމިޔާބު ކޮށްފަ އެވެ. ވިންގުން ހަމަލާ އުފެއްދުމުގައި ފުގޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ނިލަންދޫގެ ދެ ވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އޮޑަކޫ ލޫކަސް އެވެ. ވިކްޓަރީއަށް ސުން ކަނޑުވާލަ ދިނީ ހުސައިން ނިހާން ‘ނިހާޓް’ މެޗުގެ 34 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.

ނިލަންދޫގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ލޫކަސް އާއި އަހްމަދު ޝާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލޫކަސް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނިލަންދޫގެ ކޯޗް އާދަމް އަބްދު ލަތީފް ‘ލައްޗޭ’ ބުނީ މެޗަށް ނިކުތުމުގެ ކުރިންވެސް ވިކްޓަރީ ބަލި ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިރޭ ވިކްޓަރީ މެޗަށް އަންނާނެކަން، އެއީ ރޭގަނޑު ކުޅޭ މެޗަކަށް ވެފައި އަޅުގަނޑުމެން ޓިމު ފަސޭހައިން ބަލި ކުރެވޭނެ ކަމަށް ބަލައި މިރޭ މެޗަށް އެ ޓީމު އައީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ލައްޗޭ ބުންޏެވެ. "ވިކްޓަރީ ކުޅުންތެރިން ހިތައް އެރިއްޔާ ޕްރެކްޓިސް ކުރޭ ނުކުރޭ، ކޮންމެ ކުޅިވަރެއްގައިވެސް ޕްރެކްޓިސް ކުރާ ބަޔަކަށް ކާމިޔާބު ލިބޭނީ، ނިލަންދޫ ޓީމުން މިއަންނަނީ މޮޅުވިޔަސް ބަލިވިޔަސް ޕްރެކްޓިސް ކުރަމުން."