ކުޅިވަރު

ކޮރެއާގެ ކުރީގެ ޑިފެންޑަރު ޔޮންގް އުމުރަށް ސަސްޕެންޑް ކޮށްފި

ރިޝްވަތު ދޭން އުޅުނު ކަމަށް ސާބިތުވުމުން، ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޖަންގް ހަކް ޔޮންގް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑް ކޮށްފި އެވެ.

ދެކުނު ކޮރެއާގެ ގައުމީ ޓީމަށް ފަސް މެޗު ކުޅުނު، ވާތު ބެކް ޔޮންގް ސަސްޕެންޑް ކުރީ، ދެ ވަނަ ޑިވިޝަންގެ ކުލަބު އަސަން މުގުންގަވާގެ ކުޅުންތެރިޔެއް ކަމަށްވާ، ލީ ހަން ސައެމް އަށް ރިޝްވަތު ދޭން ހުށަހަޅާފައި ވުމުންނެވެ. ޔޮންގްގެ މައްޗަށް ސާބިތުވީ، އޭނާގެ ކުރީގެ ޓީމު ބުސާންގެ އައި ކާޕް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 20 މިނެޓްތެރޭ ލީ، ރަތް ކާޑެއް ހޯދާމަތިން 50 މިލިއަން ވޮން (44،300 އެމެރިކާ ޑޮލަރު) ދޭން ކަމަށެވެ.

ނަމަވެސް، ލީ ވަނީ ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހަދާފަ އެވެ. އަދި އޭނާ ވަނީ އެމައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފަ އެވެ. އެހެންވެ ދެކުނު ކޮރެއާގެ ފުޓްބޯލް އެސޯސިއޭޝަނުން ވަނީ އިނާމެއްގެ ގޮތުގައި 70 މިލިއަން ވޮން ލީ އަށް ދީފަ އެވެ.

ސެޕްޓެމްބަރު މަހު ހިންގަން އުޅުނު ކަންތަކާއި ގުޅިން ފުލުހުން ވަނީ ޔޮންގް ހައްޔަރު ކޮށްފަ އެވެ. އަދި އޭނާ 10 މަހަަށް ޖަލުގައި ހޭދަ ކުރަން ޖެހޭނެ އެވެ. އޭނާ އެނބުރި އައިނަމަވެސް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި އޭނާއަށް ބައިވެރި ނުވެވޭނެ އެވެ.

ކޮރެއާގެ ޑޮމެސްޓިކް ފުޓްބޯޅައިގައި މެޗް ފިކްސިންގެ ބޮޑު މަައްސަލައެއް 2011 ވަނަ އަހަރުވެސް ހިނގި އެވެ. އެ އަހަރު 50 ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އެޅި އެވެ.