ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވުމަކީ ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް އަސަރު ކުރާނެ ކަމަށް ގަބޫލު ކުރާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ބުނެފި އެވެ.
ކުރީގެ މިނިސްޓަރު ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުގެ ރަޖިސްޓްރާގެ ލިޔުމަކުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.
އޭގެ ފަހުން ނާޒިމްގެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރުމުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރި ނިންމި ނިންމުން ރިވިއުކޮށް ދޭން އެދުނެވެ. އަދީބު ވެސް ވަނީ ކަން ހިނގި ގޮތް ސުޕްރީމް ކޯޓުގައި ކިޔައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. ސުޕްރީމް ކޯޓަށް ސިޓީއެއް ވެސް ފޮނުއްވި އެވެ. ޑީއެންއޭ ފެނިފައިވާކަން ހާމަވާ ފުލުހުންގެ ރިޕޯޓް ޕީޖީގެ ފަރާތުން ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެކަމާ ގުޅިގެން އޮތީ ގޮތެއް ނުނިންމަ އެވެ.
ނާޒިމްގެ ހުކުމް ރިވިއު ކުރާ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށް ނިންމީ ރިޔާސީ އިންތިހާބަށްފަހު އެވެ. އަދި އެ މައްސަލާގައި ވަކި ގޮތެއް ކަނޑައެޅެންދެން ނާޒިމްގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މިއަދު ހެނދުނު ވަނީ އިޖުރާއީ އަޑުއެހުން ބާއްވާފަ އެވެ. އެ އަޑުއެހުމުގައި ނާޒިމް އާއި ޕީޖީގެ ފަރާތުން ވެސް އެދުނީ އާ ހެއްކެއް ފެނިފައިވާތީ މައްސަލާގައި މައުޟަވީ ގޮތެއްގައި ވާހަކަ ދައްކަން ޝަރީއަތް ހިންގައިދިނުމަށެވެ. ދެ ފަރާތުން ވެސް ފާހަގަކުރި އާ ހެއްކަކީ އަދީބުގެ ޑީއެންއޭއެވެ. އެގޮތަށް ދެ ފަރާތުން ވެސް އެދި ދެއްކެވި ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލާގައި ޝަރީއަތް ހިންގަން ވަނީ ނިންމަވާފަ އެވެ.
މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.
"އަދީބާއި ހުސެއިން ވަހީދުގެ ރޭވުމެއްކަން އެނގޭ"
ނާޒިމްގެ ފަރާތުން ދަށު ކޯޓުގައި ވެސް އެ މައްސަލައަކީ ބަޔަކު އޭނާ ފްރޭމް ކުރަން ކޮށްފައިވާ ކަމެއް ކަމަށް ފާހަގަކުރަމުން ދިޔަ ކަމަށާއި ފަހުން ހާމަވި މައުލޫމާތުތަކުން އެކަން ވަރަށް ބޮޑަށް ކަށަވަރުވެގެންދާ ކަމަށެވެ.
ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން އޭނާގެ އާއި އަނބިކަނބަލުންގެ އަދި ދަރިންގެ ވެސް ފިންގަޕްރިންޓް ފެނިފައިނުވާ ކަމަށާއި ދަށު ކޯޓުން ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެ ފިސްތޯލައަކީ އޭނާގެ އެއްޗެއް ނޫން ކަން ސާބިތުކޮށް ނުދެވުމުން އަދި އެހެން މީހަކާ އެ ފިސްތޯލަ ގުޅުމެއްވާކަން ސާބިތިނުވުމުންކަން އޭނާގެ ވަކީލް ނޫރުއްސަލާމް ފާހަގަކުރެއްވި އެވެ.
ނޫރުއްސަލާމް ވިދާޅުވީ އޭރު ފިސްތޯލަ އެހެން މީހަކާ ގުޅުމެއްވާ ކަމުގެ ހެކި ނެތް ނަމަވެސް ފިސްތޯލައިން ނާޒިމްގެ ބަދަލުގައި އަދީބުގެ ޑީއެންއޭ ފެނުމަކީ އެ ފިސްތޯލަ ތިންވަނަ ފަރާތަކާ ގުޅޭ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ. އަދި، އަދީބާ ގުޅޭ އެ މައްސަލާގެ އެހެން ވާހަކަތަކުން ވެސް އެކަމުގައި ނާޒިމަށް އެއްވެސް އެނގުމެއް ނެތްކަން ހާމަވާ ކަމަށެވެ.
ނާޒިމްގެ ގެ ބަލާފާސްކުރި ރޭ އަދީބު ދާހިއްލާ ފޯހެވެގެން ހުންނަވާ އޭރުގެ ޕީޖީ މުހުތާޒު މުހުސިންގެ ގެއަށް ވަޑައިގެން ނާޒިމް، އޭނާ މަރާލަން އުޅޭ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އޭގެ ފަހުން އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދާއެކު އަދީބު އަދި މުހުތާޒު، ނާޒިމްގެ ގެ ބަލާ ފާސްކުރިއިރު އެ ސަރަހައްދުގައި ކާރެއްގައި ތިއްބެވި ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. އަދި، ނާޒިމްގެ ގޭގައި ފިސްތޯލައެއްވާ ކަމުގެ މައުލޫމާތު ހުސެއިން ވަހީދަށް ދިނީ ވެސް އަދީބު ކަމަށާއި އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސީދާ ހުސެއިން ވަހީދުގެ އޯޑަރަށް ކަން ވެސް ފާހަގަކުރެއްވި އެވެ.
ނޫރުއްސަލާމް ވިދާޅުވި ގޮތުގައި ނާޒިމްގެ ގެ ބަލާފާސްކުރުމުގައި ފުލުހުންގެ އަމަލުތަކުން ވަރަށް ބޮޑު ޝައްކެއް އުފެދެ އެވެ. އެއީ ނާޒިމްގެ ކޮޓަރި ބަލާފާސްކުރަން ފުލުހުން 15 ވަރަކަށް މިނެޓް އެ ކޮޓަރީގައި ހޭދަ ކުރިިއިރު ކޮޓަރި ނުފެންނަ ގޮތަށް ނާޒިމް ބަހައްޓަފައިހުރީ ދުރުގަ އެވެ. އަދި ކުއްލިއަކަށް ނާޒިމް ގޮވައިގެން ފުލުހުން އެ ކޮޓަރިއަށް ވަދެ، އެނދުކައިރީ ހުރި ކުޑަ ތަޅު ނުލެވޭ ކަބަޑަކުން ކަޅު ދަބަހެއް ނަގައި، އެނދު މަތީ ބާއްވައި އެއީ ކާކުގެ އެއްޗެއްތޯ ސުވާލު ކުރި ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. ނޫރުއްސަލާމް ވިދާޅުވި ގޮތުގައި އެ ކޮޓަރިއަކީ ތިޖޫރީތައް ވެސް ކޮޓަރިއަކަށްވާއިރު ފިސްތޯލައެއް ތަޅު ނުލެވޭ ކަބަޑެއްގައި ބޭއްވުމަކީ ބުއްދި ވެސް ގަބޫލު ކުރެވޭ ކަމެއް ނޫނެވެ.
ފަހުން ލިބުނު މައުލޫމާތާއި އެ ރޭ ކަން ހިނގިއިދިޔަ ގޮތް ނާޒިމް އަލުން ވިސްނުމުން އެ ކަޅު ދަބަސް އެންމެ ފުރަތަމަ ނެގީ އާސިފް ނަކަމަށްކިޔާ ފުލުހެއްގެ އަންބޮޑިން ކަމާއި އެއަށްފަހު ދަބަސް އެނދުމަތީ ބޭއްވިކަން އެނގިފައިވާ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ. ދަބަސް ކަބަޑަށްލުމަށްފަހު ފޮޓޯ ނެގީ އޭގެ ފަހުން ކަމަށެވެ. ނޫރުއްސަލާމް ވިދާޅުވި ގޮތުގައި އެކަންކަމަކީ މަގާމުގައި ތިއްބެވި ބަޔަކު ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ކަންކަން ކަމަށެވެ. އޭރު ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ މިނިސްޓަރަށް އަދީބު ވާއިރު ހުސެއިން ވަހީދަކީ ކޮމިޝަނާ އޮފް ޕޮލިސްއަށްވާއިރު އެ ދެ ބޭފުޅުންނަށް އެފަދަ ކަމެއް ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ހައިކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު، އެމްއެންޑީއެފްއިން ހެދި ރިޕޯޓަށް ކޯޓަށް ހުށެހެޅި އެވެ. އެ ރިޕޯޓްގައި އަދީބު ހައްޔަރުކުރި ފަހުން ބ. ހިނބަޅިދޫއިން ފެނުނު ފިސްތޯލަތަކާއި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާ އެއްގޮތް ސިފަތަކެއް ހުއްޓެވެ. އެކަން އެ ރިޕޯޓް ތައްޔާރުކުރި ކެޕްޓަން އަލީ އިހުސާން ވެސް ވަނީ ހައިކޯޓުގައި ފާހަގަކޮށްފަ އެވެ. ނަމަވެސް އޭނާގެ އެ ވާހަކަތަކަށް ހައިކޯޓުގެ ހުކުމްގައި ރިއާޔަތް ނުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ކުރީ ހުކުމަށް އަސަރުކުރާނެ، އަދުލުވެރި ހުކުމެއް ނެރެދީ: ޕީޖީ
އަދީބުގެ ޑީއެންއޭ ފިސްތޯލައިން ފެނިފައިވުމަކީ ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަސަރު ކުރާނެ ކަމަށް އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ނާޝިދު ވިދާޅުވި އެވެ.
ފުލުހުން ތައްޔާރުކޮށްފައިވާ ޑީއެންއޭ ރިޕޯޓް މިއަދު ޝަރީއަތަށް ނާޝިދު ވަނީ ހުށަހަޅުއްވާފަ އެވެ. އޭނާ ހުށަހެޅުއްވި ރިޕޯޓްގައިވާ ގޮތުން ފިސްތޯލައިން ޑީއެންއޭ ދެ ކޮންޕޯނެންޓެއް ވަނީ ފެނިފަ އެވެ. އޭގެތެރެއިން މޭޖާ ކޮންޕޯނެންޓާއި އަދީބުގެ ޑީއެންއޭ ދިމާވެ އެވެ. މައިނާ ކޮންޕޯނެންޓާ ދިމާވާ ޑީއެންއޭއެއް ނުފެނެ އެވެ.
ނާޝިދު ވިދާޅުވި ގޮތުގައި އާ ހެއްކާއެކު ހުކުމަށް އަސަރު ފޯރާނެ ކަމަށް ފާހަގަކުރި ނަމަވެސް ދަށު ކޯޓުތަކުން މައްސަލަ ނިންމިއިރު ލިބިފައިވާ ހެއްކަށް ބަލާނަމަ އެ ހުކުމް އޭރަށް ރަނގަޅު ކަމަށެވެ. ދަށު ކޯޓުތަކުން ހުކުމްކުރީ އެ ފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ނޫންކަން ސާބިތުކޮށް ނުދެވުމުން އަދި އެހެން މީހަކާ ގުޅުމެއް ނެތުމުންކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ. އޭރު ނާޒިމަށް އެއީ އޭނާގެ އެއްޗެއް ނޫންކަން ސާބިތުކޮށް ދޭން އެކަށީގެންވާ އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާ ކަމަށާއި އެހެން މީހަކާ އެ ފިސްތޯލައާ ގުޅުމެއްވާ ކަމުގެ ހެއްކެއް ވެސް ނެތްކަން ނާޝިދު ފާހަގަކުރެއްވި އެވެ.
ހިނބަޅިދޫއިން ފެނުނު ފިސްތޯލަތަކާ، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާ އެއްގޮތް ސިފަތަކެއް ހުރި ނަމަވެސް އެއީ އެމްއެންޑީއެފްގެ ފިސްތޯލައެއް ކަމެއް ކަށަވަރު ނުކުރެވޭ ކަމަށް ނާޝިދު ވިދާޅުވި އެވެ. އަދި ފިސްތޯލައަކީ އެމްއެންޑީއެފްގެ އެއްޗަކަށްވި ނަމަވެސް ނާޒިމް ފިސްތޯލައެއް ގެންގުޅުނު ކަމުގެ ކުށް އެގޮތުގައި އޮންނާނެ ކަމާއި ނަފީވެގެން ދާނީ ހަނގުރާމަވެރި ހަތިޔާރެއް ރާއްޖެ އެތެރެކުރުން ކަމަށް ވިދާޅުވި އެވެ.
ޕީޖީގެ ފަރާތުން ދަށު ކޯޓުގެ ހުކުމަށް ތާއިދުކޮށްދިނުމަށް އެދިފައެއް ނުވެ އެވެ. ނާޝިދު ވިދާޅުވި ގޮތުގައި ދައުލަތުން އެދެނީ މައްސަލާގައި އަދުލުވެރި އިންސާފުވެރި ހުކުމެއް އިއްވައިދިނުމަށެވެ. ނާޒިމްގެ ފަރާތުން އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް އެ މައްސަލާގައި ނިހާއީ ހުކުމެއް ވީއެންމެ އަވަހަކަށް އިއްވައިދިނުމަށެވެ.
އަދަބާ މެދު ބަހުސެއް!
ނާޒިމްގެ މައްޗަށް ކުށް ސާބިތުވާނަމަ ވެސް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިގެން ނުވާނެ ކަމަށް އޭނާގެ ވަކީލް މިއަދު ވަނީ ވިދާޅުވެފަ އެވެ. ނާޒިމްގެ މައްޗަށް ދައުވާ އިއްވައި އަދަބު ކަނޑައަޅާފައިވަނީ ރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރުގެ ގާނޫނުގެ ދަށުންނެވެ.
އޭނާގެ މައްޗަށް އަދަބު ކަނޑައެޅި ފަހުން ގާނޫނުލްއުގޫބާތަށް ވަނީ އަމަލުކުރަން ފަށާފަ އެވެ. ގާނޫނުލްއުގޫބާތުގައި ވެސް ބަޑި ގެންގުޅުމުގެ ކުށް ހިމަނާފައިވެ އެވެ. އަދި ނާޒިމަށް ދައުވާކުރި ގާނޫނަށްވުރެ ލުއި ގާނޫނުލްއުގޫބާތުގައި އެ ކުށަށް ދީފައިވެ އެވެ.
ނޫރުއްސަލާމް ވިދާޅުވީ ކުށެއްގެ އަދަބަށް ފަހުން ފާސްކުރާ ގާނޫނަކުން ލުއި ލިބޭނެނަމަ އޭގެ ފައިދާ ދައުވާ ލިބޭ މީހާއަށް ލިބެންވާނެ ކަމަށެވެ. އެކަން ހައިކޯޓުގައި ވެސް ފާހަގަކުރެއްވި ނަމަވެސް ހައިކޯޓުން ބޭރުގެ ކޯޓެއްގެ ގަޒިއްޔާއަކާ ހަވާލާދިނުމަށްފަހު ނިންމީ އިސްތިއުނާފީ މަރުހަލާގައި އަދަބަށް ލުއި ދޭން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ނޫރުއްސަލާމް ފާހަގަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުން 2011 ވަނަ އަހަރު ނިންމި މައްސަލައެއްގައި އާ ގާނޫނު އަސާސީ ވުޖޫދުވުމާ ގުޅިގެން ކުށުގެ އިއުތިރާފާ ގުޅިގެން ލިބުނު ލުޔެއް ސުޕްރީމް ކޯޓުގެ މަރުހަލާގައި ދައުވާ ލިބޭ މީހާއަށް ދީފައިވާ ކަމަށެވެ. ސުޕްރީމް ކޯޓަކީ އެންމެ މަތީ ކޯޓު ކަމަށްވާއިރު އެ ކޯޓުން އެގޮތަށް އަމަލުކޮށްފައިވުމަކީ އެހެން ކޯޓުތަކުން ވެސް އެއަށް ރިޔާއަތް ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ނާޝިދު ވިދާޅުވި ގޮތުގައި އެއީ ބަހުސް ކުރެވިދާނެ ކަމެކެވެ. ގާނޫނު އަސާސީގެ 59 ވަނަ މާއްދާގައި ބުނެފައިވަނީ ފަހުން ހަދާ ގާނޫނަކުން ލިބޭ ލުޔެއް ދޭން ޖެހެނީ ދައުވާ ކުރުމާއި އަދަބު ކަނޑައެޅުމުގެ މަރުހަލާގައިކަން ބަޔާންކޮށްފައިވާ ކަމަށެވެ. އިސްތިއުނާފީ މަރުހަލާއަކީ އަދަބު ކަނޑައަޅާ މަރުހަލާއަކަށް ނުވާއިރު، އެ މަރުހަލާގެ ބޭނުމަކީ ދަށުގެ ޝަރީއަތް ހިނގައިދިޔަ ގޮތުގެ ސައްހަކަން ކަށަވަރުކުރުންކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް އިސްތިއުނާފީ މަރުހަލާއެއްގައި ވެސް ކުށް ސާބިތުނުވެ އޮތް މައްސަލައެއްގައި ކުށް ސާބިތުވާ ކަމަަށް ކަނޑައަޅައި އަދަބު ދޭނަމަ، ފަހުން ހަދާ ގާނޫނަކުން ލިބޭ ލުޔެއް ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.
ނާޒިމް އަދި ޕީޖީގެ ފަރާތުން ވެސް ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ދައްކާ ނިމުމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަނީ މައްސަލާގެ އަޑުއެހުންތައް ނިންމާލެއްވީކަން އިއުލާން ކުރައްވާފަ އެވެ. ފަނޑިޔާރުން ދިރާސާ ކުރައްވާއިރު އިތުރު ކަމެއް ސާފުކުރަން ނުޖެހިއްޖެނަމަ ދެން އޮންނަ އަޑުއެހުމަކީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.