ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. މުސްތަފާ ލުތުފީއަށް މިނިސްޓަރު ފެންވަރުގެ މަގާމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.
ރައީސް ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރެއްވި ޑރ. މުސްތަފާއަށް ދެއްވާފައިވަނީ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމެވެ.
އެ މަގާމުގެ އިތުރުން މިއަދު ރައީސް ސޯލިހު ވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް ވެސް ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޝިފާޒް އަލީއެވެ.
ކޯލިޝަން ޕާޓީއެއްގެ އިސް އޮފިޝަލަކު "އަވަސް"އަށް މިއަދު ވިދާޅުވި ގޮތުގައި، ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރުމަށް ނިންމާފައިވަނީވެސް ސަރުކާރުގައި އެ ޕާޓީއަކުން ހިއްސާ ކުރާ ފަސެންޓޭޖަށް ބައްލަވައިގެންނެވެ. އެގޮތުން ސަރުކާރުގައި އެމްޑީޕީގެ 40 ޕަސެންޓް، އަދި ޖުމްހޫރީ ޕާޓީގެ 25 ޕަސެންޓް، މައުމޫން ރިފޯމް މޫވްމަންޓްގެ 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓް އޮވެ އެވެ.
ސަރުކާރުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ އެމްޑީޕީއަށް 15 ސްޓޭޓް މިނިސްޓަރުންނާއި 20 ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރަން ފުރުސަތު ވަނީ ދީފަ އެވެ. ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 10 ސްޓޭޓް މިނިސްޓަރުންނާއި، 12 ޑެޕިއުޓީ މިނިސްޓަރު ޕޯސްޓެވެ.
މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ މައުމުން ރިފޯމް މޫވްމަންޓަށް 8 ސްޓޭޓް މިނިސްޓަރުންނާއި 10 ޑެޕިއުޓީ މިނިސްޓަރުންގެ ސްލޮޓް ވަނީ ދީފަ އެވެ. އަދި އަދާލަތު ޕާޓީއަށް ދީފައިވަނީ ހަ ސްޓޭޓް މިނިސްޓަރުންނާއި އަށް ޑެޕިއުޓީ މިނިސްޓަރުންގެ ޖާގަ އެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މިއާއެކު މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ އަދަދު 39 އަކަށް އަރާއިރު، ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 50 އަށް އަރައެވެ. ރައީސް ޔާމީންގެ ސަރުކާރުގައި 700 އަށްވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަމަށް ސަރުކާރު ހިންގާ ކޯލިޝަން ކުރިން ބުނެފައިވާއިރު، ސިޔާސީ މަގާމުތަކުގެ އަދަދު ވަރަށް ބޮޑުތަނުން މި ސަރުކާރުގައި ކުޑަ ކުރާނެ ކަމަށްވެސް ކޯލިޝަނުން އޭރު ވަނީ ބުނެފަ އެވެ.