ހަބަރު

ކުރީ ސަރުކާރުން އދ.އަށް ހުށަހަޅާފައިވާ ރިޕޯޓަކަށް އާ ސަރުކާރުން ޖަވާބުދާރީވެއްޖެ

ކުރީގެ ސަރުކާރުން އދ. ގެ "ކޮމެޓީ އެގެއިންސްޓް ޓޯޗާ" އަށް ހުށަހަޅުއްވާފައިވާ މައްސަލައަށް މި ސަރުކާރުން މިއަދު ހާޒިރުވެ އެ ކޮމިޓީއަށް ޖަވާބުދާރީވެއްޖެ އެވެ.

ރައީސް އޮފީހުން ބުނީ، “ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް އަދާ ކްރޫއަލް، އިންހިއުމަން އޯ ޑިގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް" އާ އެއްގޮތަށް ގައުމުތަކުން އަމަލުކުރަމުންދާ މިންވަރު ބަލާ އދ. ގެ ކޮމެޓީ އެގެއިންސްޓް ޓޯޗާއަށް ދިވެހި ސަރުކާރުން މިއަދު ހާޒިރުވެ ޖަވާބުދާރީވެފައިވާ ކަމަށެވެ. މިކަމާގުޅޭ ކޮމިޓީގެ ބައްދަލުވުންތައް މިއަދާއި މާދަމާ ކުރިއަށް ދާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ ފަރާތުން މިކޮމިޓީއަށް ޖަވާބުދާރީވުމަށް ނުވަ މެންބަރުން ހިމެނޭ ވަފްދު ވަޑައިގެންނެވި އެވެ. އެވަފުދުގެ އިސްވެރިޔަކަށް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމެވެ. ނަސީމްގެ އިތުރުން ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ހަމީދާއި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލްް ނަވީނާއި ހޯމް މިނިސްޓްރީގެ އެސޯސިއޭޓް ލީގަލް ކައުންސިލް އާމިނަތު ނަބީލާ އިބްރާހީމް ނަސީރު ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ލަންޑަންގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ ޝާހިޔާ އަލީ މަނިކާއި ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގެ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ ފަސްޓް ސެކްރެޓަރީ އައިޝަތު ޝަހުލާއާ މިނިސްޓްރީތަކުގެ ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

މި ކޮމިޓީއަށް ހާޒިރުވުމުގެ ކުރިން މިނިސްޓަރު ނަސީމް ވިދާޅުވީ، ވިސްނާލަންޖެހޭ ކަމަށާއި ކުރިމަތިލަނީ މިދިޔަ ސަރުކާރުން ހުށަހަޅާފައިވާ ރިޕޯޓަކަށް ޖަވާބުދާރީވާން ކަމަށެވެ. އެހެންކަމުން މި ކޮމިޓީއަށް ޖަވާބުދާރީވާން ފަށާ ބަސްދީގަތުމުގައި ކުރީ ސަރުކާރާއި މި ސަރުކާރާއި މި ކޮންވެންޝަނަށް އަމަލުކުރުމާއި ދޭތެރޭ ދެކޭގޮތް ތަފާތުކަން ފާހަގަކުރާނެ ކަމަށެވެ.

"ހާއްސަކޮށް މިސަރުކާރުން އެކިކަހަލަ އަނިޔާ ހުއްޓުވުމަށް އިސްކަންދޭމިންވަރު މި މަޝްވަރާތައް ފެށުމުގެ ކުރިން ރާއްޖޭގެ ސަރުކާރުން ރައްޔިތުންގެ ރައްކާތެރިކަމަށް ކުރުމަށް ނިންމާފައިވާ ކަންތައްތަކުން އަޅުގަނޑުމެން ހާމަކުރާނަން،" ނަސީމް ވިދާޅުވި އެވެ.

އދ. ގެ ކޮމެޓީ އެގެއިންސްޓް ޓޯޗާ އާއެކު ބޭއްވޭ މަޝްވަރާތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މީގެ ކުރިން ވިދާޅުވެފައިވަނީ އަނިޔާ އާ ދެކޮޅަށް ގާނޫނު އަސާސީ އާއި ގާނޫނުތައް ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރު އިތުރުވަމުންދިޔަ ނަމަވެސް ގާނޫނުތަކާއި އެއްގޮތަށް އަމަލުކުރުމުގައި ހަގީގަތާއި ހިލާފުވުންތަކެއް އުޅޭ ކަމަށެވެ. ވަކިން ހާއްސަކޮށް ވޭތުވެދިޔަ ފަސް އަހަރު ހިނގާފައިވަނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އދ. ގެ ކޮމެޓީ އެގެއިންސްޓް ޓޯޗާ އަށް ރާއްޖޭގެ އަމަލުތަކާއި މިކަންކަމަށްދޭ އަހައްމިއްޔަތު ފެނި، ރާއްޖޭގައި އަނިޔާ ހުއްޓުވުމަށްޓަކައި އެބޭފުޅުން ދެއްވާ ލަފާފުޅުތަކަށް މި ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށްވެސް ރަައީސް ވިދާޅުވެފައި ވެއެވެ.