ހަބަރު

ދައުލަތުގެ ހަރަދުތައް ދަށްވެއްޖެ

މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަސް ފާއިތުވިއިރު ދައުލަތުގެ ހަރަދުތައް ހުރީ ކިހިނެއް ހެއްޔެވެ؟ މިއީ އާންމުންނަށް އެނގެން ޖެހޭ މައުލޫމާތުތަކެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭ ހަތަރު މަހުން އެއް މަހު ނެރޭ އިކޮނޮމިކް ބްލެޓިންގައި މާ ތަފްސީލް ނޫނަސް ބައެއް މައުލޫމާތު އެބަހުއްޓެވެ. އެ މައުލޫމާތަކުން ދައުލަތް ނޫނީ ސަރުކާރުގެ ހަރަދުތައް ދައްކަނީ ކިހިނެއް ހެއްޔެވެ؟

އިކޮނޮމިކް ބްލެޓިންގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ނުވަ މަސް ދުވަހުގެ ތެރޭގައި ދައުލަތް ހިންގުމަށް ކުރަން ޖެހޭ އިދާރީ ހަރަދު، ނުވަތަ ރިކަރަންޓް ހަރަދުތައް ވަނީ ތިން ޕަސެންޓް ދަށްކުރެވިފަ އެވެ. އެއީ ބަޖެޓްގެ ހަރަދުތަކުގެ ތެރެއިން 88 ޕަސެންޓެވެ. މިއަހަރުގެ ނުވަ މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ރިކަރަންޓް ހަރަދު 92.4 މިލިއަން ރުފިޔާ ދަށަށް ދިޔުމުގެ މައިގަނޑު ސަބަބަކީ އެމްއެމްއޭ އިން ބުނި ގޮތުގައި އިންޓަރެސްޓް ޕޭމަންޓާއި ސަބްސިޑީގެ ގޮތުގައި އެކި ފަރާތްތަކަށް ދޭ ފައިސާ ދަށަށް ގޮސްފައިވުމެވެ.

ދައުލަތުން ސަބްސިޑީގެ ގޮތުގައި ދޭ ފައިސާ އާއި ދަރަންޏަށް ނަގާ ފައިސާގެ އިންޓަރެސްޓަށް ދައްކަން ޖެހޭ އަދަދު ބޮޑުވުމަކީ އެމްއެމްއޭން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. އަދި ބަޖެޓްގެ ބޮޑު ބައެއް އުމްރާނީ ތަރައްގީ ނުވަތަ ކެޕިޓަލް ހަރަދުތަކުގައި ބަދަލުގައި ރިކަރަންޓް ހަރަދުތަކަށް ހޭދަ ވުމަކީ ވެސް އެމްއެމްއޭގެ ބޮޑު ކަންބޮޑުވުމެކެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ޖުމްލަ ހަރަދު އިތުރުވެފައި ވަނީ އެންމެ ޕަސެންޓަކަށް ވުރެވެސް ކުޑަމިންވަރެކެވެ. އަދި ހަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކެޕިޓަލް ހަރަދަށް ސަރުކާރުން ކުރި ހޭދަ 28 ޕަސެންޓް އިތުރުވުމެވެ. ކެޕިޓަލް ހަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭއިން ބުނެފައި ވަނީ ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ސަރުކާރުން ކުރާ ހޭދަ އިތުރުވުމެވެ.

ސަރުކާރުން އެކި ފަރާތްތަކަށް ވިއްކާފައިވާ ޓީބިލާއި ބޮންޑަށް ދައްކަން ހުރި ފައިސާގެ އަަދަދު ވެސް ވަނީ މިހާރު ދަށަށް ގޮސްފަ އެވެ. އެގޮތުން ސެޕްޓެމްބަރު މަހާ ހަމަޔަށް ސަރުކާރުން ދައްކަން ވެފައި ހުރި ދަރަނީގެ އަދަދު ވަނީ، 13.6 ބލިއަން ރުފިޔާއަށް ދަށަށް ގޮސްފައި ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކަ އެވެ. އަދި ސަރުކާރުން ނަގާ ލޯނުތަކާއި އެޑްވާންސަށް ނަގައި ފައިސާގެ އަދަދު ވެސް ވަނީ 20.8 މލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ. ނަމަވެސް އެމްއެމްއޭގެ އަދިވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރަނި ފޫބެއްދުމަށް، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ނަގާ ފައިސާގެ އަދަދަށް ބަދަލުތަކެއް ނައުމެވެ. އެއީ ސަރުކާރުން ކޮންމެވެސް އެހެން ގޮތްތަކެއް ހޯދަން ޖެހިފައި އޮތް މައްސަލަ އެކެވެ.