ހަބަރު

ރިލްވާންގެ މައްސަލާގައި އަލީ ވަހީދުގެ ބަޔާނެއް ނަގައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގެ ތަހުގީގަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ބަޔާނެއް ގެއްލިފައިވާ މީހުންނާއި މަރުތަކުގެ ތަހުގީގު ކުރާ ކޮމިޝަންއިން ނަގައިފި އެވެ.

މަރުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ބުނެފައިވަނީ ރިލްވާން ގެއްލުވާލި މައްސަލާގައި އަލީ ވަހީދު ހާޒިރުކޮށް އޭނާގެ ބަޔާނެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ. އެކަމަށް މި މަހު ހަތަރު އަހަރު ފުރޭއިރު މިހާތަނަށް ރިލްވާންއަށް ވީގޮތް ފުލުހުން ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ތަހުގީގެއް ހިންގައި ދައުވާ ކުރި ހަމައެކަނި މީހުން ވެސް ވަނީ މިނިވަންވެފަ އެވެ.

އެ މައްސަލާގައި ކުރި ހުކުމުގައި ފުލުހުންގެ ގިނަ އިހުމާލުތަކެއް ހުރިކަން ކުރިމިނަލް ކޯޓުން ވަނީ ފާހަގަކުރައްވައިފަ އެވެ. ހުކުމުގައި ބުނީ، ތަހުގީގުގައި ކޮންމެހެން ދޫކޮށްލައިގެން ނުވާނެ އުސޫލުތަކަށް މި މައްސަލާގައި ފުލުހުން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދަނީ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުންނެވެ. އެ ކޮމިޝަނުން ބުނީ ދެ އަހަރުގެ ތެރޭގައި އެފަދަ މައްސަލަތަކުގެ އެންމެ ފުނަށް ދާނެ ކަމަށެވެ.