ހަބަރު

ދުނިޔެ ރަނގަޅު ކުރެވޭނީ އެންމެންގެ މަސައްކަތުން: ފަސްޓްލޭޑީ

Nov 27, 2018
4

ދުނިޔެ ރަނގަޅު ތަނަކަށް ހެދުމަށް އެންމެން ގަދައަޅާ މަސައްކަތްކުރަންވާނެ ކަމުގައި ޗީފް ގައިޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހަވީރު "މާފުށީ އެޑިއުކޭޝަނަލް ޓްރެއިނިން ސެންޓާ ފޯ ޗިލްޑްރެން" (އީޓީސީސީ) ގައި ބޭއްވެވި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ 20 ވަނަ ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިން ކޭންޕް އިފްތިތާހުކޮށް ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ބައިވެރިންނަށް މި ތަމްރީނުގެ އެހީގައި ދިރިއުޅުމުގެ ގިނަގުނަ އުކުޅުތައް ދަސްވާނެކަމަށާ އަދި ހުރިހާ އެންމެންވެސް ކޮންމެދުވަހެއްގެ ނިމުމުގެ ކުރިން ރަނގަޅު ކަންކަން ކުރެވިފައި ހުރި މިންވަރު އަޅައި ކިޔަންޖެހޭކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޝަރަފުގައި ގާލް ގައިޑުންގެ ފަރާތުން "ގާޑް އޮފް އޮނާ" އެއް އެރުވިއެވެ. އެއަށްފަހު ކޭމްޕް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަނާ ވަނީ ކޭމްޕުގެ ދިދަ ނަންގަވައިދެއްވައިފަ އެވެ.

މި ރަސްމިއްޔާތަށްފަހު ރައީސްގެ އަނބިކަނބަލުން ވަނީ ކޭމްޕްގެ ބައިވެރިންނާއިއެކު ފޮޓޯއެއް ނަންގަވައި، ތަމްރީން ޕްރޮގްރާމްގައި ހިނގަމުންދިޔަ ބައެއް ކޭމްޕްތަކަށްވެސް ޒިޔާރަތްކުރައްވައިފައެވެ.

ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިން ކޭމްޕަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.