ހަބަރު

އިންޑިޔާ އިން ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ ގޮތް ހަމަޖައްސަނީ

ރާއްޖެ އާއި އިންޑިޔާއާ ދެމެދު އާ ވިސާ އެގްރީމަންޓެއް ހަދަން ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުންނަށް ދިވެހިންނަށް ވިސާ ލިބުމުގައި ފަސޭހަ ވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިޔާއަށް ކުރައްވަން ނިންމަވާފައިވަ ރަސްމީ ދަތުރުފުޅުގައި އެ ގައުމާއި ރާއްޖެ ދެމެދު ވިސާގެ އާ އެގްރީމަންޓެއް އެކުލަވާލާނެ ކަމަށެވެ. އޭގެ ސަބަބުން އިންޑިޔާގައި ދިރިއުޅޭ ބެލެނިވެރިންނާއި ދިވެހި ކިޔަވާ ކުދިންނާއި ބޭސް ފަރުވާއަށް އެ ގައުމަށް ދާ ފަރާތްތަކަށް ވެސް ލުއި ފަސޭހަ ގޮތަކަށް ވިސާ ހަމަޖެހި މިހާރު ހުރި އުނދަގޫތައް ނިމުމަކަށް އަންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އިންޑިޔާއިން ދިވެހިންނަށް ވިސާ ލިބުމުގައި މިދިޔަ އަހަރުތަކުގައި ގިނަ ދަތިތަކާ ކުރިމަތިވެ އެތަށް ޝަކުވާއެއް އެމްބަސީއަށާއި ފޮރިން މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ. ކުރީ ސަރުކާރުގައި އިންޑިޔާއާ ދެމެދު އޮންނަ ގުޅުމަށް ހީނަރުކަން އައުމުގެ ސަބަބުން އުނދަގޫތައް ދިޔައީ އިތުރުވަމުންނެވެ.

ނަމަވެސް މި ސަރުކާރުން ވަނީ އެ ގައުމާ ގުޅުން ވަރަށް ބޮޑަށް ބަދަހި ކުރަން ފަށައިފަ އެވެ. އެގޮތުން ޝާހިދު މިހާރު ވެސް ހުންނެވީ އިންޑިޔާގަ އެވެ. އަދި އެ ގައުމުގެ އިސް ފަރާތްތަކާ އެމަނިކުފާނު ބައްދަލު ކުރައްވާ ރާއްޖެއަށް ތަފާތު އެހީތައް ހޯއްދަވަމުން އެބަދެ އެވެ.

ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 17ގަ އެވެ.