ހަބަރު

ޒުވާން އައިމަން މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަނީ

Nov 27, 2018
2

މުޙައްމަދު އައިމަން އާދަމް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވައިފި އެވެ.

އައިމަން އަކީ ކޯޕަރޭޓް ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ތަޖުރިބާކާރު ޒުވާނެކެވެ. އެގޮތުން ދިރާގާއި އޭސް ހާޑްވެއާގައި އޭނާ ވަނީ ހިދުމަތް ކުރައްވައި، މީޑިއާތަކާ ވެސް ރަނގަޅު ގުޅުމެއް އުފައްދައިފަ އެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން މިހާހިސާބަށް އޭނާ ވަޒީފާ އަދާކުރަމުން ދަނީ އޭސް ހާޑްވެއާގެ ހެޑް އޮފް ސޭލްސްގެ މަގާމެވެ.

އައިމަން ވިދާޅުވީ މަސައްކަތުގެ ދާއިރާ އާއި ސީދާގޮތުން ގުޅިފައި ނެތް ނަމަވެސް ސިޔާސީ ގޮތުން ބަދަލުވަމުން އައި ސިޔާސީ މަސްރަހު އޭނާ އަށް ވެސް ވަނީ ވަރަށް ކައިރިން ތަޖުރިބާކުރެވިފަ އެވެ. އައިމަން ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ އުސޫލްތަކާ އެއްގޮތަށް ފުރިހަމަ އަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެކި ދާއިރާތަކުގެ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުސަތު ލިބެން ޖެހެ އެވެ. އަދި ސިޔާސީ ނުފޫޒަށް ދީލާ ނުލާނެ، ހަރުދަނާ ޒުވާނުންގެ ދައުރު ގައުމުގެ ރައްޔިތުންގެ މަޖިލީހުން ފެނުމަކީ ޒުވާނެއްގެ ހައިސިއްޔަތުން އޭނާ ފަހުރުވެރިވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ހަތް އަހަރު އަޅުގަނޑަށް މަސައްކަތުގެ ދާއިރާގައި ލިބުނު ތަޖުރިބާގެ އަލީގައި ބަވަނަ ވަމުންދާ މި ދުނިޔޭގައި، ރާއްޖެ ފައި ހަމަކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އަޅުގަނޑުގެ މި ހުރީ. ދާއިރާގައި ކަޑަތު ކުރަން ޖެހޭ ދަތިކަމައި، ތަހައްމަލް ކުރަން ޖެހޭ އުނދަނގޫތައް ވަރަށް ކައިރިން އެނގޭ މީހެއްގެ ހައިސިއްޔަތުން، ދިވެހި އިގްތިސާދުގެ އޮނިގަނޑު ހަރުދަނާކުރުމުގައި އަޅުގަނޑަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރެވޭނެ،" އައިމަން ވިދާޅުވި އެވެ.

މީގެ އިތުރުން އައިމަން ވިދާޅުވީ މާލެ އުފަންވެ، ކުޑައިރުއްސުރެ މާލޭގައި އުޅޭ މީހެއްގެ ހައިސިއްޔަތުން މާލެއަށް ދިމާވެފައިވާ މައްސަލަތައް އޭނާއަށް ވަނީ ވަރަށް ރަނގަޅަށް ތަސައްވަރު ކުރެވިފަ އެވެ. އައިމަން ވިދާޅުވި ގޮތުގައި ގެދޮރުގެ ތާށިކަމާއި، ކާރު ބާރު ބޮޑު މާލޭގެ ޓްރެފިކް މައްސަލައާއި، ދިރިއުޅުމުގެ ހަރަދު ބަރަދު ބޮޑުވުން ފަދަ ރައްޔިތު މީހާގެ އާންމު ޝަކުވާ އޭނާއަށް ވަނީ އަޑުއިވިފަ އެވެ.

އެފަދަ ކަންކަން ހައްލު ކުރެވޭނީ ކިލަނބުވެފައި ނެތް ސާފު މަޖިލީހެއް އޮވެގެން. އަޅުގަނޑުގެ މި ހުރި ތަޖުރިބާގެ އަލީގައި ޖޯޝާއި އެކު މަސައްކަތް ކޮށްގެން މައްސަލަތަކަށް ހައްލު ހޯދޭނެ. ރައްޔިތުންގެ އަޑު އުފުލާނެ ލަޔާގަތާއި ގާބިލްކަން އަޅުގަނޑުގެ އެބަ ހުރި. އެހެންވެ އަޅުގަނޑު މި ނުކުތީ މި ދާއިރާއަށް. އަޅުގަނޑަށް ފުރުސަތު ލިބިއްޖެ ނަމަ ހަގީގީ މާނައިގައި ރައްޔިތުންގެ މީހަކަށް އަޅުގަނޑު ވާނަން. ރައްޔިތުންގެ އަޑު އިއްވާނަން،" އައިމަން ވިދާޅުވި އެވެ.