ދުނިޔެ

ލަންކާގެ ބަޖެޓް ފާސްނުކުރެވި ދައުލަތް ހުއްޓިދާނެ ކަމުގެ ބިރުބޮޑުވެއްޖެ

Nov 28, 2018

ކޮލޮމްބޯ (ނޮވެމްބަރު 27) - ސިޔާސީ ހަމަނުޖެހުންތަކަކަށް ވެއްޓިފައިވާ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ސަރުކާރު ހިންގާ ޕާޓީން ބޯއިކޮޓް ކުރަމުންދާތީ، އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ފާސްނުކުރެވިދާނެ ކަމުގެ ބިރު ހީވެއްޖެ
އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެ މަގާމަށް އައްޔަނުކުރުމާއި ގުޅިގެން، މުޅި ގައުމު ވަނީ ސިޔާސީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފަ އެވެ.

އަދި ޕާލިމަންޓުގެ މެޖޯރިޓީ ރާޖަޕަކްސާއަށް ކަށަވަރު ނުވުމުން، މަޖީލިސް އުވާލައްވައި، އަލުން އިންތިހާބެއް ބޭވުމަށްވެސް ރައީސް މައިތިރިޕާލަ ސިރިސޭނާ ނިންމެވި އެވެ. އެ ނިންމެވުން އެ ގައުމުގެ އެންމެ މަތީ ކޯޓުން ބާތިލު ކުރުމާއެކު، ސްރީލަންކާގައި ބޮޑު ވަޒީރު ކަމުގެ ހުވާ ދާދި ފަހުން ކުރެއްވި ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ ތެރޭގައި އެ މައްސަލަ ހޫނުވެ، ހަމަނުޖެހުން ހިންގާ، މެމްބަރުންގެ މެދުގައި މާރާމާރީ އާއި ތަޅާފޮޅުން ހިނގާފައިވާއިރު، އިއްޔެ ބޭއްވި ޖަލްސާއަށް ވެސް ސިރިސޭނާގެ ޕާޓީގެ މެމްބަރުން ވަޑައިނުގަންނަވަ އެވެ.

މަޖިލީހުގައި ނެގި ވޯޓު ބަލައިނުގަންނަވާކަމަށް، ސިރިސޭނާގެ އިތުރުން ރާޖަޕަކްސާގެ ޕާޓީން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ވޯޓަށް ހުރަސްއެޅުމަށް މަޖިޅިހުގެ ތަޅުމުގައި ރާޖަޕަކްސާއަށް ސަޕޯޓުކުރާ މެމްބަރުން ހަމަނުޖެހުން ހިންގަމުންދާކަމަށް ރަނިލްގެ ސަޕޯޓަރުން ދަނީ ތުހުމަތު ކުރަަމުންނެވެ.

އަދި މަޖިލީހުގެ ރައީސް ވަކި ފަރާތަކަށް ޖެހިވަޑައިނުގެން، ޖަލްސާތައް ކުރިއަށް ނުގެންދަވަނީނަމަ، މަޖޅިހަށް ހާޒިރުނުވާނެކަމަށް ސަރުކާރުގެ މެމްބަރުން ދަނީ ބުނަމުންނެވެ.

މިހާތަނަށް ކުރެވުނު މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާއިރު، ސިރިސޭނާގެ ސަރުކާރަށް ދައުލަތުގެ ބަޖެޓުން އިތުރު އެއްވެސް ހަރަދެއް ނުކުރެވޭގޮތަށް ގަރާރެއް ފާސްކުރުމުގެ މަސައްކަތް ރަނިލްގެ ޕާޓީން ވަނީ ފަށައިފަ އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެސް އަދި މިހާތަނަށް ފާސްކުރެވިފައިނުވާއިރު، އެ ފަދަ ގަރާރެއް ފާސްކޮށްފިނަމަ، މުޅި ދައުލަތް ހުއްޓުމަކަށް އަންނާނެކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.