ހަބަރު

ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 6 ބޭފުޅަކު އައްޔަންކުރައްވައިފި

އެކި މިނިސްޓްރީތަކަށް ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ހަ ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.

މިއަދު އައްޔަންކޮށްފައިވާ ބޭފުޅުންނަކީ ސައިންސް އެންޑް ޓެކްނޮލޮޖީ ސްޓޭޓް މިނިސްޓަރުކަމަސް އަހުމަދު އަފުޒަމް އިބްރާހިމް އާއި، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މުހައްމަދު ޒުހައިރު އާއި ޝާހު އަބުދުﷲ މާހިރު އާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ފާތުމަތު ނަސީރު އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަހުމަދު ޒުހައިރު އަދި ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް އަހުމަދު ސޯލިހު އެވެ.

މި ބޭފުޅުންނަށް މިއަދު މަގާމުގެ ފަތްކޮޅު އަރުވާފައިވާ އިރު، މި ސަރުކާރުން އައްޔަން ކުރަން ނިންމަވާފައިވާ ސްޓޭޓް މިނިސްޓަރުންގެ އަދަދު 39 އަކަށް އަރާއިރު، ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 50 އަށް އަރައެވެ.

ސަރުކާރުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ އެމްޑީޕީއަށް 15 ސްޓޭޓް މިނިސްޓަރުންނާއި 20 ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރަން ފުރުސަތު ވަނީ ދީފަ އެވެ. ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 10 ސްޓޭޓް މިނިސްޓަރުންނާއި، 12 ޑެޕިއުޓީ މިނިސްޓަރު ޕޯސްޓެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ މައުމުން ރިފޯމް މޫވްމަންޓަށް އަށް ސްޓޭޓް މިނިސްޓަރުންނާއި 10 ޑެޕިއުޓީ މިނިސްޓަރުންގެ ސްލޮޓް ވަނީ ދީފަ އެވެ. އަދި އަދާލަތު ޕާޓީއަށް ދީފައިވަނީ ހަ ސްޓޭޓް މިނިސްޓަރުންނާއި އަށް ޑެޕިއުޓީ މިނިސްޓަރުންގެ ޖާގަ އެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.