ހަބަރު

ސިފައިން މަޖިލިސް ހުއްޓުވި މައްސަލަ ތަހުގީގު ކުރަން ހުށަހަޅައިފި

Nov 28, 2018
6

ރައްޔިތުން މަޖިލީހުގެ ތެރެއަށް ސިފައިން ވަދެ މަޖިލިސް ހުއްޓުވި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގުޅިފައިވާ ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕްގެ ފަރާތުން މިއަދު މަޖިލީހަށް މައްސަލަ ހުށަހަޅައިފި އެވެ.

ގުޅިފައިވާ ޕީޖީ ގްރޫޕްގެ ފަރާތުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، މެންބަރު އިމްތިޔާޒު ފަހުމީ، އިންތި އެވެ. އޭނާ މައްސަލަ ހުށަހެޅުއްވީ ސިފައިން މަޖިލީހުގެ ތެރެއަށް ވަދެ މަޖިލީހުން ބައެއް މެންބަރުން އެތަނުން ނެރުމާއި މެންބަރުންނަށް އަނިޔާވާ ގޮތަށް އަމަލުކޮށްފައިވުން އަދި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ހުރަސްއެޅި މައްސަލަ އެވެ. އެ މައްސަލަތައް ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އިންތި ހުށަހެޅުއްވި މައްސަލައިގައި ވަނީ އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ސަރުކާރު ހިންގި ޕާޓީ، ޕީޕީއެމްއަށް އޮތް މެޖޯރިޓީ ގެއްލި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ އެކު 12 މެންބަރެއްގެ ގޮނޑި ގެއްލުވާލާ މަޖިލީހުގެ ޖަލްސާތައް މަޑުޖައްސާލި އެވެ. އެހެން ނަމަވެސް އޭރުގެ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ގެންދިޔައީ މަޖިލިސް ބޭއްވޭތޯ މަސައްކަތް ކުރަމުން އެވެ. އެހެން ނަމަވެސް، މަޖިލިސް ޖަލްސާތައް ބޭއްވުން ދިގު މުއްދަތަކަށް މެދުކަނޑާލާ މަޖިލީހުގެ ތެރެއަށް މެންބަރުން ވަނުން ވެސް މަނާކުރި އެވެ. އަދި ސަރުކާރުން އޭރު ބޭނުންވި ކަންކަން ނިންމުމަށް ޖަލްސާތައް ބޭއްވިޔަސް އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރާތީ ޖަލްސާތައް ބޭއްވީ ޗެމްބަރުގެ ތެރެއަށް ގިނަ ސިފައިން ވައްދައިގެން އެވެ.

އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވެސް ދާދި ފަހުން ވިދާޅުވި ގޮތުގައި، މަޖިލީހުގެ ތެރެއަށް ސިފައިން ވަނުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ގާނޫނު އަސާސީ އާއި ގާނޫނުތައް އޮތް ގޮތުން މަޖިލީހުގެ ތެރެއަށް ސިފައިން ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އެދިވަޑައިގަތުމަކަށް ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.