ހަބަރު

ޖާބިރު ފައިސާއެއް ނުދޭ، ހައްދަވަނީ އިތުރުފުޅެއް: ރައީސް މައުމޫން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އަބުދުﷲ ޖާބިރު ހައްދަވަނީ އިތުރުފުޅެއް ކަމަށާއި، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެއްވެސް ފައިސާއެއް ޖާބިރު ދީފައި ނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޖާބިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިނގިލީ ދާއިރާގެ މެމްބަރަކަށް ދެން ވެވަޑައިގަންނަވާނީ އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރެއްގެ ގޮތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ދިިޔާނާ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އެކަމަށް ރައީސް މައުމޫން ހުރަހަކަށް ނުވާނެ ކަމަށާއި، އެމްޑީޕީގެ ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، ކެމްޕެއިން ކުރައްވަން ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާދެއްވި ކަމަށެވެ.

ޖާބިރުގެ ޓުވީޓާއި ގުޅިގެން ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް 29 މިލިއަން ރުފިޔާ ރައީސް މައުމޫނަށް ދެއްވިކަމަށްބުނެ ޖާބިރު ހައްދަވާފައިވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

"ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މައުމޫނާއި، އަދި ކެމްޕެއިންގައި ހަރަކާތްތެރިިވި މައުމޫން ރިފޯމް މޫވްމަންޓްގެ ހީވާގި ޓީމަށްވެސް ޖާބިރު އެއްވެސް ފައިސާއެއްދީފައި ނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ،" ސްޓޭޓްމަންޓްގައިވެ އެވެ.

ޖާބިރު އެގޮތަށް ޓުވީޓް ކުރައްވާފައިވާ އިރު، ވިލިނގިލީ ދާއިރާއަކީ ރައީސް މައުމޫން އަބުދުލްގައްޔޫމަށް ބޮޑު ތާއިދެއް އޮންނަ ދާއިރާއެކެވެ.