ހަބަރު

ވަކީލުން ސަސްޕެންޑު ކުރުމުގެ ބާރު ސުޕްރީމް ކޯޓުން އަތުލާ ބިލު ބަލައިގެންފި

ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ވަކީލުން ދިނުމާއި އެ މީހުން ސަސްޕެންޑު ކުރުމުގެ ބާރު ސުޕްރީމް ކޯޓު އަތުން ނަގާ ބިލު ރައްޔިތުންގެ މަޖިލިހުން މިއަދު ބަލައިގެންފި އެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ހިދުމަތުގެ ބިލުގެ ނަމުގައި މަފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.

އެ ބިލު ހުށަހެޅި ސަބަބު ކަމަށް އިންތި ބަޔާންކޮށްފައި ވަނީ އެއީ ކޯޓުތަކުން ވަކީލުން ރެގިއުލޭޓްކޮށް އެ މީހުންނާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމަކަށް ގެނައުމާއި އަދުލު އިންސާފު ލިބިދިނުމުގައި ވަކި ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވެ މިނިވަން ކަމާއެކު ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ވަކީލުންނަކީ ގާނޫނަކުން އެކުލަވާލާ މިނިވަން މުއައްސަސާއަކުން އެ މީހުންނަށް ހުއްދަަ ދޫކުރުމާއި ރެގިއުލޭޓުކޮށް ފިޔަވަޅު އެޅުމާއި މަސައްކަތުގެ ދާއިރާ ކަނޑައަޅާ އަދި ހައްގުތަކާއި އިމްތިޔާޒް ކަށަވަރުކޮށްދޭ ސިޔާސަތުތަކެއް އެކުލަވާލުމަށް ކަމަށެވެ. އޭގެ ތެރޭގައި ގާނޫނީ ތައުލީމު ހަރުދަނާ ކުރުމާއި ގާނޫނީ ފަންނު ތަރައްގީކޮށް ބެލެހެއްޓުން އެ ގާނޫނުގައި ހިމެނޭނެ ކަމަށް އިންތި ވިދާޅުވެފައިވެ އެވެ.

އެގޮތުން ވަކީލުންގެ އެންމެހާ ކަންކަމާ ހަވާލުވުމަށް ބާ އެސޯސިއޭޝަންގެ ނަމުގައި މުޅިން އާ މިނިވަން މުއައްސަސާއެއް އެކުލަވާލަން ޖެހޭނެ ކަަމަށް އެ ބިލުގައި ބުނެފައިވެ އެވެ. ހަތް މެންބަރުންގެ މައްޗައް އެކުލެވޭ އެ މުއައްސަސާގެ ދަށުން ލަައިސެންސް ކޮމިޓީއާ، އެތިކްސް ކޮމިޓީއާ، އިސްތިއުނާފް ކޮމިޓީއާ، ގާނޫނީ ތައުލީމް ކޮމިޓީ އަދި ލޯ ރިފޯމް އެންޑް ރީސާޗް ކޮމިޓީ ހިމެނެ އެވެ.

ބާ އެސޯސިއޭޝަންގެ މަގްސަދުގެ ތެރޭގައި ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތް ކުރުމާއި ވަކީލުންނަށް ހުއްދަ ދިނުމާއި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި ވަކީލުންގެ މަސައްކަތް އިންސާފުވެރިކަމާއެކު ކުރިޔަށް ގެންދާކަން ކަށާވަރު ކުރުމެވެ. އަދި އެ ދާއިރާ ކުރިއެރުވުމާއި ފެންވަރު ހިފަހައްޓަން ފިޔަވަޅު ވެސް އަޅަން ޖެހެ އެވެ.

ގާނޫނީ ވަކީލުންނަށް އެކިއެކި ފިޔަވަޅުތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިހާރު އަޅަމުންދެ އެވެ. އެގޮތުން އެއް ފަހަރާ ވެސް އެތައް ގިނަ ވަކީލުންނެއް ސުޕްރީމް ކޯޓުން މީގެކުރިން ސަސްޕެންޑްކޮށްފައިވެ އެވެ.