ޓެކްސް

މެންބަރުންގެ ސަމާލު ކަމަށް! ބޯ ފެނުން ވެސް ޖީއެސްޓީ ނަގާ

Nov 29, 2018
12

"މައްސަރު ޓެކްސް" އަކީ މީގެ ދެ އަހަރު ކުރިން ސޯޝަލް މީޑިއާގެ ތެރެއިން ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ސަމާލު ކަމަށް އައި ބޮޑު މައްސަލައެކެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޖީއެސްޓީ ނަގަން ނުޖެހޭ އަސާސީ އެއްޗެހީގެ ލިސްޓުގައި، މައްސަރު ކަންތައް ޖެހުމުން އަންހެނުން ކޮންމެހެން ވެސް ބޭނުން ކުރަން ޖެހޭ ޕެޑް ހިމަނަފާއި ނެތް މައްސަލަ ބަޔަކު ސޯޝަލް މީޑިއާގައި ހިލުވާލި އެވެ. އެ މައްސަލައާ ގުޅިގެން މައްސަރު ޓެކްސްގެ ނަމުގައި ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިންއެއްކޮށް، ޕެޓިޝަންތަކުގައި ސޮއިކޮށް ހެދުމުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް އެކަން ސަމާލު ކަމަށް އައެވެ. އަދި އެންމެ ފަހުން އެކަންވީ ރިޔާސީ ވައުދަކަށެވެ. އިއްޔެ ވަނީ ޕެޑުން ޖީއެސްޓީ ނެގުން ނިމުމަކަށް ގެނެސްފަ އެވެ.

ގާނޫނު އަސާސި އާއި ގާނޫނުތައް ބަލާ ދިރާސާ ކުރުމާއި ގާނޫނުތަކުގައި ހުންނަ އެފަދަ ކަންކަން އިސްލާހުކޮށް، ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ހައްލު ހޯދައިދިނުމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަން ތިއްބަވަނީ މަޖިލީސް މެންބަރުންނެވެ. އެހެންކަމުން އެ މެންބަރުންގެ ސަމާލު ކަމަށް އެހެން ކަމެއް ގެންނަން ބޭނުންވެ އެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގއި އަސާސީ އެއްޗެއްގެ ގޮތުގައި ބޯފެން ވެސް ހިމަނާފައެއް ނުވެ އެވެ! ބޯފެނުން ވެސް އަންނަނީ ހަ ޕަސެންޓުގެ ޖީއެސްޓީއެއް ނަގަމުން އެވެ.

މަޖިލީހުގައި އިއްޔެ ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ޕެޑާއި ނެޕީ ފަދަ ތަކެތި މުހިންމުވާ ސަބަބުތަކާ ބެހޭ ގޮތުން ވަރަށް ވަރުގަދައަށް ބަހުސްކުރައްވާފަ އެވެ. އަދި ފަހުން ބައެއް މެންބަރުން ދޮންނަ މެޝިނާއި އޭސީ ފަދަ ތަކެއްޗަކީ ވެސް ޒަރޫރީ ތަކެތި ކަމަށް ވިދާޅުވި އެވެ. އަދި ބައެއް މެންބަރުން ވަނީ ކަސްޓަމުން ޑިއުޓީ ވެސް ކަނޑާލަން ޖެހޭ ކަމަށް ބުނެ މަޖިލީހުގައި ވާހަކަދައްކަވައިފަ އެވެ.

ޖީއެސްޓީ ސުން ރޭޓް ކެޓަގަރީގެ މުދާ:

  • ކާޑުގެ ބާވަތްތައް
  • ކިރު
  • ކުކިން އޮއިލް
  • ބިސް
  • ރާއްޖޭގައި ބަންދުކޮށްފައި ހުރި މަހާއި ރިހާކުރާއި އަލުވި
  • ހަވާދު އުފެއްދުމަށް ބޭނުން ކުރާ ތަކެތިތައް
  • ދިޔަ ހަކުރާއި، ކާށި، ކުރުންބާ ރުކުރާ އަދި ކުރޮޅި
  • ކެރެޓު، ކެބެޖު، ތޮޅި އަދި ޓޮމާޓޯ
  • މޭވާގެ އެންމެހާ ބާވަތްތައް
  • ޕާން ބަނަސް ފާރޮށި
  • ކުޑަ ކުދިންގެ ނެޕީ
  • ތުއްތު ކުދިންގެ ކާނާ
  • ކައްކާ ގޭސް
  • ޑީސަލް
  • ޕެޓްރޯލް
  • ބޮޑެތި މީހުންގެ ނެޕީ

ނަމަވެސް ބޯ ފެނަކީ އިންސާނަކަށް ކިހާ މުހިންމު އެއްޗެއް ކަމާ މެދު ޝައްކު ކުރާނެ މީހަކު ނުހުންނާނެ އެވެ. އެއީ އެންމެ ޒަރޫރީ އަދި އަސާސީ ބާތަވެވެ. އެއީ މާ ބޮޑު ބަހުސަކަށް ދާން ޖެހޭ ކަމެއް ހެއްޔެވެ؟ އެންމެ ޒަރޫރީ އެކަތި ކަމަށްވާ، ފެން އެ ލިސްޓުގައި ހިމަނާފައި ނެތުމުން އެކަން އެއްވެސް މެންބަރެއްގެ ސަމާލު ކަމަކަށް އަދި ނާދެ އެވެ. އެ ވާހަކަ ނުވެސް ދައްކަވަ އެވެ.

މާލޭ ފިހާރަތަކުގައި 500 އެމްއެލްގެ ފެންފުޅިއަކަށް ޖީއެސްޓީގެ ހަ ޕަސަންޓާއެކު 3ރ އަށް ވިއްކާ އިރު 1.5 ލީޓަރުގެ ފުޅިއެއް 5ރ. އަށް ވިއްކަ އެވެ. އަދި ފަސް ލީޓަރުގެ ފެންފުޅިއެއް ވިއްކަނީ 14 ރުފިޔާއަށެވެ. ހަމަ ޔަގީނުން ވެސް ޖީއެސްޓީ ކަނޑާލައިފި ނަމަ ފެން ފުޅި ވިއްކާ އަފު ކުޑަވެގެން ދާނެ އެވެ.

ދައުލަތުގެ ޓެސްޓް އިދާރާ މީރާގެ އޮފިޝަލަކު ވިދާޅުވީ، ސުން ރޭޓް ޖީއެސްޓީ ކެޓަގަރީގެ ބޭނުމަކީ ޒަރޫރީ މުދަލުން ޖީއެސްޓީ އުނިކުރުމެވެ. އެހެން ނަމަވެސް، ޖީއެސްޓީގެ ގާނޫނު ފާސްވެގެން އައިރު، އެންމެ އަސާސީ އެކަތި ކަމަށްވާ، ފެނުން ޖީއެސްޓީ މާފެއް ނުވެ އެވެ. އެހެން ނަމަވެސް އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ވެސް ދެކެވަޑައިގަންވަ އެވެ.

"އެންމެ ޒަރޫރީ އެއްޗަކީ ފެން. އެ ބޭސިސްއިން ބަލާ ނަމަ ޖީއެސްޓީ ނަގައިގެން ނުވާނެ ފެނުން. މިގޮތަށް ޖީއެސްޓީގެ ގާނޫނު އިސްލާހު ކުރާއިރު މިގޮތަށް ހުރި ހުރިހާ މައްސަލަތަކެއް ބަލާފައި ގާނޫނު އިސްލާހު ކުރުން މުހިންމު،" މީރާގެ
އޮފިޝަލަކު ވިދާޅުވި އެވެ.

ޕެޑުން ޖީއެސްޓީ ކަނޑާލި ގޮތަށް ބޯފެނުން ވެސް ޖީއެސްޓީ ކަނޑާލަން ނުޖެހޭ ސަބަބެއް ނެތެވެ. ބޯފެނުން ޖީއެސްޓީ ކަނޑާލުމަކީ ވެސް އެންމެންގެ މަސްލަހަތު އެކަމުގައި އޮންނަ އޭގެ މަންފާ އެންމެންނަށް ބެހިގެންދާ ކަމެކެވެ. ބޯފެނުން ޖީއެސްޓީ އުނިކުރަން ބޮޑު ކެމްޕެއިނެއް ނުކުރިއަސް މި އިސްލާހުވެސް 100 ދުވަހުގެ އެޖެންޑާގައި ހިމަނައިގެން
ފުރިހަމަކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟