ރައްޔިތުންގެ މަޖިލިސް

ޖީއެސްޓީ ބޮޑުކުރާ އިސްލާހު މަޖިލީހަށް ހުށަހަޅައިފި

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. މަޖިލީހުގެ ރިޔާސަތުން ވަނީ މިބިލް މަޖިލީހަށް ތައާރަފްކޮށް ބިލްގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ބިލް މަޖިލީހަށް ފޮނުވީ މިދިޔަ އޮގަސްޓް މަހު އެވެ.

ޖުލައި ހަތްވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ބިލް ހުށަހަޅާފައިވަނީ ވެސް މިނިސްޓަރު އަމީރު ވިދާޅުވި ގޮތަށެވެ.

"އުއްމީދަކީ ވީހާވެސް އަވަހަށް ގާނޫނަށް އެ ބަދަލުތައް ގެނައުން،" އަމީރު ވިދާޅުވި އެވެ.

އިސްލާހުގައި ވަނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޔޮޓް ބަނދަރުތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ވިއްކާ މުދަލާއި ހިދުމަތުން ޖެނުއަރީ 1، 2023 އިން ފެށިގެން 16 އިންސައްތައިގައި ޓީޖީއެސްޓީ ނެގުމަށެވެ. ޖެނުއަރީ 1، 2023 އިން ފެށިގެން ޖީއެސްޓީ، އަށް އިންސައްތައިގައި ނެގުމަށް ވެސް އިސްލާހުގައިވެ އެވެ.