ހަބަރު

ބޭރުގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތެއް ނުދޭނަން: މިނިސްޓަރު

Nov 29, 2018
7

ރާއްޖޭގައި އަސްކަރީ މަރުކަޒެއް އެޅުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށާއި އެފަދަ އެއްވެސް ޒާތެއްގެ އެއްބަސްވުމެއް ނުހައްދަވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވައިފި އެވެ.

ބޭރުގެ ބައެއް ނޫސްތަކުން އިއްޔެ ހަބަރުފެތުރި ގޮތުގައި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ބައިތިއްބާ ގޮތަށް ދިވެހި ސަރުކާރުން އެއްބަސްވާ ނަމަ ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދޭން އިންޑިއާއިން ވަނީ ހުށަހަޅައިފައި ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން އިންޑިއާގެ ދަތުފުޅު ނިންމާލެއްވުމަށް ފަހު ރަސްމީ މަޝްވަރާތަކަށް މިހާރު ޔޫއޭއީގައި ހުންނެވި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއަށް ބޭރުގެ އެހީތެރިކަން ހޯދާނީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރުލެއް ނާރާނެ ގޮތެއްގެ މަތިން ކަމަށެވެ. އަދި އެފަދަ އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ރާއްޖެއާ އެކު ނުހެދޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ރާއްޖޭގައި އެއްވެސް ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ހަދަން ފުރުސަތެއް ނުދޭނަން. އެފަދަ އެއްބަސްވުމެއް އެއްވެސް ގައުމަކަށް ނުކުރެވޭނެ،" ތުހުމަތުތަކަށް ވަރަށް ސީދަލަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ޝާހިދު ޓްވީޓް ކުރެއްވި އެވެ.

އިންޑިއާގެ ދަތުރުގައި ޝާހިދުގެ އިތުރުން، ފައިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އެ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި އެގައުމުގެ ރައީސް އާއި އިންވެސްޓަރުންނާ އެކު ސަރުކާރުން ވަނީ ބައްދަލުވުންތައް ބާއްވައިފަ އެވެ. އެ ބައްދަލުވުން ތަކުގައި ރާއްޖެއިން ވަނީ ބަޖެޓް ސަޕޯޓަށް އިންޑިއާއިން 250-300 މިލިއަން ޑޮލަރުގެ އެހީ ހޯދަން މަޝްވަރާކޮށްފަ އެވެ. އަދި މީގެ އިތުރަށް ރާއްޖެ-އިންޑިއާއިން އާ ވިސާ އެއްބަސްވުމެއް އެކުލަވާލަން ވެސް ވަނީ މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފަ އެވެ. މީގެ އިތުރުން އިންޑިއާގެ ބައެއް ވިޔަފާރިތަކުން ވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހު 17ގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިހާރު ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވެސް ރާއްޖެއަށް އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން އެހީތައް ހޯދަން ރާއްޖެއިން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.