ހަބަރު

މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ނަގާނީ އެމްޑީޕީ: އުމަރު

އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީ ކާމިޔާބު ކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ ސްޓްރެޓަޖިކް ނިއުސް އިންޓަނޭޝަނަލްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އިދިކޮޅު ފަރާތްތައް ވަރަށް ބަލިކަށިވެފައިވާ ކަމަށާއި އޭގެ ސަބަބުން އެމްޑީޕީއަށް މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެމްޑީޕީ ފިކުރާ ވާދަ ކުރުމަށް އިދިކޮޅު ކޮޅަށް ޖެހުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ނުކުޅެދިފައިވާ ކަމަށާއި އެކަން ކުރާނެ މީހަކު ވެސް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.

"ޔާމީންއަކަށް އަދިވެސް އިދިކޮޅު ކޮޅަކަށް ނުޖެހޭ، އެއްވެސް މީހަކު އަދިވެސް އެކަން ކުރާކަށް ނުނިކުމޭ، ބައެއް ފަރާތްތަކުން އަޅުގަނޑު ކައިރީ ވެސް ބުނޭ އިދިކޮޅު ރޯލެއް ކުޅެން، އެކަމަކު އަދި މިހާތަނަށް އެކަން އޮތީ ވިސްނުމެއްގައި، އެހެންވެ އެއްވެސް މީހަކު އިދިކޮޅު އަލުން އެއް ނުކުރާތީ މަޖިލީސް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީ އިން ނަގާނެ ކަމަށް ގަބޫލު ކުރެވޭ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ޔާމީންގެ އަމަލުތައް ހުރި ުން އިދިކޮޅު ކޯލިޝަންއަށް ޖެހިފައި ވަނީ "މަޖުބޫރު ކައިވެންޏެއް" ކުރަން ކަމަށާއި ނަމަވެސް މަޖިލިސް އިންހާބަށް ފަހު އެ ކޯލިޝަން ރޫޅޭނެ ކަމަށެވެ.