ހަބަރު

ރައީސް އެންގުމުން ވެސް އިންޑިޔާ ސިފައިން ރާއްޖެއިން ނުފޭބި: އުމަރު

Nov 29, 2018
45

ހެލިކޮޕްޓަރު ބަހައްޓުމުގެ ނަމުގައި ރާއްޖޭގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވާ ކަމަށާއި އެ މީހުން ރާއްޖެއިން ފޭބުމަށް ސީދާ ރައީސް އަބްދުﷲ ޔާމީން އެނގުމުން ވެސް ނުފޭބި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ ސްޓްރެޓީޖިން ނިއުސް އިންޓަނޭޝަނަލްއަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތީ ވަރަށް ގާތް، ރަނގަޅު ގުޅުމެއް ކަމަށާއި އެ ގުޅުން ގޯސްވާން ފެށީ 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިތުމަށް ފަހުގައި ކަމަށެވެ. ނަޝީދު ވަނީ އިންޑިޔާގެ "ޖީބަށް ފުންމާލާފައި" ކަމަށާއި އެއާއެކު އެ ގައުމުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

ހެލިކޮޕްޓަރެއް "ހަދިޔާ" ކުރުމަށް ފަހު އެއާއެކު ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގެ ފަސްގަނޑަށް އެރުވި ކަމަށް އުމަރު ވިދާޅުވި އެވެ. އެ މީހުން ގެނެސްފައި ވަނީ ހެލިކޮޕްޓަރު އުދުހުމުގެ ނަމުއްގައި ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ.

"ދިވެހިންނަށް އޭ380 އެއާކްރާފްޓު ދުއްވޭ އިރު އަދި ކޮންމެ ފްލައިޓެއް ދުއްވޭ އިރު އަދި ދިވެހިންނަށް ސަބްމެރީން ދުއްވޭ އިރު ހެލިކޮޕްޓަރު ނުދުއްވެންވީ ކީއްވެ، އިންޑިޔާއިން މިއީ އަޅުގަނޑުމެންނަށް ދިން ހަދިޔާއެއް ނަމަ އޭތި ޖެހޭނީ ދިވެހިންނަށް ދޫކޮށްލަން، އަޅުގަނޑުމެން އޭތި އުދުއްސާނަން އަދި ބަލަހައްޓާނަން،" އުމަރު ވިދާޅުވި އެވެ.

ހެލިކޮޕްޓަރު ރާއްޖޭގައި ބާއްވައިގެން އުޅެނީ އިންޑިޔާ ސިފައިން ރާއްޖޭގައި ހާރަކާތްތެރި ކުރުވުމުގެ ބޭނުމުގައި ކަމަށް އުމަރު ވިދާޅުވި އެވެ. ހެލިކޮޕްޓަރުގެ މައްސަލަ އުމަަރު ސިފަ ކުރެއްވީ 21 ވަނަ ގަރުނުގެ "ޓްރޯޖަން ހޯސް"އެއް ގޮތުގަ އެވެ.

އިންޑިޔާއިން އައްޑޫގައި ސިފައިން ބަހައްޓައިގެން އުޅުމަކީ ރައްޔިތުން ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އުމަރު ވިދާޅުވި އެވެ. އިންޑިޔާއިން ރާއްޖޭގައި ސިފައިންގެ ބޭސްއެއް ހަދަމުންދާ ކަމަށް ދިވެހިންނަށް އެނގޭ ކަމަށާއި އެކަން ހުއްޓުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މީހުން ރާއްޖެއިން ފުރުމަށް އެންގުމުން ސީދާ އެކަމާ ދެކޮޅު ހެދި ކަމަށެވެ.

"ގާނޫނީ ސަރުކާރަކުން އެމީހުންނަށް ސީދާ އެންގީމަ އެ މީހުން ގައުމުން ދާން ޖެހޭ، އެއީ އެ މީހުން ރަތް ރޮނގު ހުރަސް ކުރި ހިސާބު، އެހެންވީމަ އެންމެނަށް މިހާރު އެނގިއްޖެ މިއީ ހަދީޔާއެއް ނޫން ކަމަށާއި ސިފައިން ބައިތިއްބަނީކަން،" އުމަރު ވިދާޅުވި އެވެ.

ހެލިކޮޕްޓަރުގެ މައްސަލާގައި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި އިންޑިޔާ ސަރުކާރުން ވެސް ބުނަމުން އަންނަނީ އެ ހެލިކޮޕްޓަރުތަކުން އިންޑިޔާ ސިފައިން 164 ދިވެހިންގެ ފުރާނަ ސަލާމަތްކޮށްފައިވާ ކަމަށެވެ. އެއަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ އެ ދިވެހިންގެ ފުރާނަ ދިވެހި ސިފައިންނަށް ވެސް ސަލާމަތް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ އަސްލު ހަދިޔާއެއްގެ ގޮތުގައި އަދި އެގްރީމަންޓުކޮށްފައިވާ ގޮތަށް އެ ހެލިކޮޕްޓަރު އުދުއްސަން ދިވެހިން ސިފައިންނަށް ފުރުސަތު ދިނުމުންނެވެ.