އުމަރު ނަސީރު

މިނިވަންކަން ކަަށަވަރު ކުރުމަަށް އިންޑިއާ ސިފައިން ބާލަންޖެހޭ: އުމަރު

ދިވެހިރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އިގިރޭސިން ބޭލި ގޮތަށް އިންޑިޔާ ސިފައިން އަބުރާ ފޮނުވާލަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އުމަރު ވިދާޅުވީ އިގިރޭސި ސިފައިން ރާއްޖޭ އަށް ފައިބާ ތިބި ތިބުން ކެބިނެޓް ގައި އިންނެވި އިބްރާހިމް ނާސިރަށް ސިފަވީ މިނިވަން ކަމަށް އޮތް ގޮންޖެހުމެއް ގޮތުގައި ކަމަަށާ ނަމަވެސް އިގިރޭސިންގެ ހަދިޔާ ލިބެމުންދިޔަ ބޭފުޅުންނަށް އެކަން ސިފަވީ އެހެން ގޮތަކަށް ކަމަަށެވެ.

ހަމަ އެގޮތަށް މިއަދު އިންޑިޔާ ސިފައިން ރާއްޖޭ އަށް ފައިބާ ތިބިތިބުން އެބޭފުޅުންނަަށް ސިފަވަނީ މިނިވަން ކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ކަމަށާ އިންޑިޔާގެ ހަދިޔާ ލިބޭ ބޭފުޅުންނަށް ސިފަވަނީ އެހެން ގޮތަކަށް ކަމަށެވެ. އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އިގިރޭސިން ބޭލި ގޮތަށް އިންޑިޔާ ސިފައިން އަބުރާ ފޮނުވާލަން ޖެހޭ ކަމަަށާ މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އުމަރު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެެސް އެ މަަސައްކަތް އެކި ސަބަބުތަކާއި ގުޅިގެން ކުރެވޭ ގޮތް ނުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިއަދު ތިބީ މަދު އަދަދެއްގެ އިންޑިއާ ސިފައިނެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އިންޑިއާ ސިފައިން އެބަ ތިއްބެވެ. އެ ގައުމުގެ ސިފައިންގެ އަދަދު 300 ވުރެ މަދު ނުވާނެ ކަމަށްވެސް ކުރީން ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ވަނީ ވަރުގަދަ ކެންޕެއިނެއްވެސް ފަށާފައެވެ. އެކި ގޮތްގޮތުން އެ ކެމްޕެއިން ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅާ ސަރުކާރުން ވަނީ ގަރާރެއްވެސް ނެރެފައެވެ.