ޗެމްޕިއަންސް ލީގް

ލިވަޕޫލް ނޭވާ ހޮޅިއަށް އެޅިއްޖެ

ލިވަޕޫލާއި ޕީއެސްޖީގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ދިޔައީ، ދެ ވަނަ ބުރަށ ދިއުމުގައި ޕީއެސްޖީއާ އޮތް ގޮންޖެހުމާ ބެހޭގޮތުންނެވެ. ނަމަވެސް، ރޭ ލިވަޕޫލްގެ މައްޗަށް 2-1 މޮޅުވެ ޕީއެސްޖީ ވަނީ ސަލާމަތުގެ އައްސޭރިއަށް ވާސިލުވުމުގެ އުންމީދު އާ ކޮށްފަ އެވެ. ބިރުވެރިކަން ކުރިމަތިވީ ލިވަޕޫލަށެވެ.

ދެ ވަނަ ބުރުގެ ޖާގަ ހޯދަން، ޕީއެސްޖީ އާއި ލިވަޕޫލްވެސް މަޑުކުރަން ޖެހޭނީ ގުރޫޕްގެ ފަހު މެޗަށެވެ. ލިވަޕޫލަށް އޮތީ ވަރުގަދަ ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗެވެ. ޕީއެސްޖީއަށް އޮތީ މިހާރުވެސް މުބާރާތުން ކަޓާފައިވާ ސާބިއާގެ ކްރެވްނާ ޒްވެޒްޑާ އާ ދެކޮޅަށް ކުޅޭ މެޗެވެ. ވަރުގަދަ މެޗެއް ލިވަޕޫލަށް އޮތުމުން ދެ ވަނަ ބުރަށް ދިއުމަށް އެ ޓީމަށް އުފަުލަން ޖެހޭ ތަކްލީފް ބޮޑުވާނެ އެވެ.

"މިއީ ކުރިއަށްދާން އެޅުނު ބޮޑު ފިޔަވަޅެއް." ރޭ ގެ މޮޅަށް ފަހު ޕީއެސްޖީގެ ކޯޗް ތޯމަސް ޓޫހްލް ބުންޏެވެ. ޖަރުމަނަށް ނިސްބަތްވާ ޓޫހުލް ބުނީ، އޭނާގެ ޖަރުމަންގެ ކައުންޓަ ޕާޓް ޔާގަން ކްލޮޕް ލިވަޕޫލްގެ ގޭމް ޕްލޭން ރާާފައި އޮތް ގޮތުން އެ ޓީމު ފެނުނީ ވަރަށް ނުރައްކާކޮށް ކަމަށެވެ. ނަމަވެސް ލިވަޕޫލްގެ ގޭމްޕްލޭންގެ ތެރެއިން ޕީއެސްޖީއަށް އަރައިގަނެވުނީ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި، ފުރަތަމަ ލަނޑު ޖެހީ ޕީއެސްޖީގެ އެޑިންސަން ކަވާނީ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ނޭމާ އެވެ، އެ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރުމުގެ ގޮތުން ނޭމާ ކަންތައް ކުރި ގޮތުން އެކަމުގެ ފާޑު ކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ލިވަޕޫލްގެ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ޖޭމްސް މިލްނާ އެވެ.

ދެ ވަނަ ބުރަށް ދިއުމަށްޓަކައި، ލިވަޕޫލަށް ޖެހޭނީ އެއް ވަނައިގައި އޮތް ނަޕޯލީ 1-0 ނުވަތަ ދެ ލަނޑުގެ ލީޑަކުން ބަލި ކުރުމަށެވެ. ލިވަޕޫލަށް އޮތް ހިތްހަމަޖެހުމަކީ އަމިއްލަ ދަނޑުގައި އެ މެޗު ކުޅެން ޖެހުމެވެ.

"މިހާރު އަހަރެމެން ޖެހޭނީ އަލުން އެންފީލްޑްގެ [ސަޕޯޓަރުން] އަހަރެމެންނާއެކު ތިބިކަން ހާމަ ކޮށްދޭން،" މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ. "އަހަރެމެން ގޮވާލަން އެންފީލްޑްގެ ސަޕޯޓަރުން އެ މެޗަށް ތައްޔާރަށް ތިބުމަށް."