ހަބަރު

ވިޔަފާރިވެރިންގެ ޖަމިއްޔާގެ އާސިފަށް ޕާޓީއެއް އުފައްދަން ހުއްދަ ދީފި

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފްއަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފި އެވެ.

އީސީ އިން މިއަދު ބުނީ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. މިއީ މި ފަހުން އެ ކޮމިޝަނުން އާ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދިން ދެވަނަ ފަރާތެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް"އާ ވާހަކަދައްކަވަމުން އާސިފް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ ރާއްޖޭގައި ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމަށާއި ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ދިނުމާއި މިނިވަން ކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ސިޔާސީ ޕާޓީ މި އުފައްދަނީ ސީދާ ވެރިކަމަށް އައުމަށް، އަޅުގަނޑުމެން ސަރުކާރާ އިދިކޮޅު ބައެއް ނޫން ނަމަވެސް ސަރުކާރަށް ފާރަވެރިވާނަން،" އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ ޕާޓި އުފެއްދުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށާއި އެގޮތުން ޕާޓީއަށް މީހުން ސޮއި ކުރާއި ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު 2:00 ހާއިރު މުހިންމު ބޭފުޅަކު ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

އާސިފްއަކީ އެމްޑީޕީގެ ކުރީގެ ވަރަށް އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. އޭނާ އެކި ފަހަރުގެ މަތިން ހައްޔަރުކޮށްފައިވާ އިރު އިސްލާހަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ނަމަވެސް ފަހުން އޭނާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތާއީދުކޮށް މަސައްކަތް ކުރެއްވި އެވެ.