ކުޅިވަރު

އެސޯސިއޭޝަންތަކަށް ދޭ ފަސްލައްކަ ރުފިޔާގެ ބޮޑުބައެއް ވައިޑީޕީއަށް

ގައުމީ ކުޅިވަރު ކޮންމެ އެސޯސިއޭޝަނަކަށް، ސަރުކާރުން 500،000 ރުފިޔާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެ ވަޑައިގެންފައިވާ ބަޖެޓްގެ ބޮޑުބައެއް ހާއްސަ ކުރަން ޖެހޭނީ ކުޅިވަރުތަކުގެ ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމަށް ކަމަށް ސްޕޯޓްސް ކައުންސިލުން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއީލް ވިދާޅުވީ އެސޯސިއޭޝަންތަކަށް ބަޖެޓް ދޭނެ އުސޫލް ކަނޑައަޅާފައިވާ ކަމަށެވެ.

"ގައުމީ ޖަމްއިއްޔާތަކަށްވެސް ބަޖެޓްތައް ކަނޑައެޅި އެ އުސޫލުވެސް ހަދާ ނިމިފައި އަޅުގަނމެން މިވަނީ." ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ފުރަތަމަ ކެޕްޓަންކަން ކުރެއްވި އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.

ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސް ފަރުހަތު ޖަލީލް ވިދާޅުވީ، ހުރިހާ ކުޅިވަރެއްގައިވެސް ވައިޑީޕީ ހިންގުމަށް އުސޫލުގައި ކަނޑައަޅާފއި ވާނެ ކަމަށެވެ.

އިބްރާހިމް އިސްމާއީލް ވިދާޅުވީ، އެ ސޯސިއޭޝަންތަކުގެ އެންމެ ބޮޑު މައްސަލައެއް ފެންމަތި ވަނީ އިންތިހާބާ ހަމައިން ކަމަށާއި އެހެންވެ އެ މަރުހަލާތައް އިސްލާހް ކުރުމަށް ސްޕޯޓްސް ކައުންސިލުން ހާއްސަ ގޮތެއްގައި އިސްކަމެއް ދެމުން ދާ ކަމަށެވެ.

މިހާރުވެސް މައްސަލަ ދިމާވެފައިވާ ނެޓްބޯލް އެސޯސިއޭޝަނާއި ޗެސް އެސޯސިއޭޝަންގެ މައްސަލަވެސް ހައްލު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ، އަދި އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ހަދަން ޖެހޭ ގިނަ އުސޫލްތަކެއްވެސް ސްޕޯޓްސް ކައުންސިލުން ހަދާފައިވާ ކަމަށް އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.