ހަބަރު

ރައީސް ސޯލިހަށް އެހީ އާއި އެކުވެރިކަން އޮންނާނެ: ވަހީދު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި، އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހާ ބައްދަލު ކުރެއްވިކަން ހާމަ ކުރައްވައި ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ އެހީ އާއި އެކުވެރިކަން ރައީސް ސޯލިހަށް އޮންނާނެ ކަމަށާއި އަބަދުވެސް އެދެނީ ރައީސް ސޯލިހަށް ހުރިހާ ގޮތަކުން ކާމިޔާބީ ކަމަށެވެ.

ރައީސް ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ވެސް ރައީސް ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ވަހީދަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ނައިބު ރައީސެވެ. އެ ވެރިކަން ވެއްޓުމާއެކު ދެ އަހަރު ވެރިކަން ކުރެއްވީ ރައީސް ވަހީދެވެ. ރައީސް ސޯލިހު ވަނީ ރައީސް ވަހީދުގެ ވެރިކަމާ ދެކޮޅަށް އެމްޑީޕީއިން ކުރި މުޒާހަރާތަކުގައި ވެސް އޭރު ބައިވެރިވެވަޑައިގަންނަވާފަ އެވެ.