ދީނީ އިލްމުވެރިންނާ މެދު އަދުލުވެރިކޮށް އަމަލުކުރެއްވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް ވަހީދު މިކަމަށް އިލްތިމާސް ކުރައްވާފައި މިވަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހަރަކާތެއް ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ބައެއް އިލްމުވެރިން ހައްޔަރުކޮށްފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ އިލްމުވެރިންނަކީވެސް ދިވެހި ރައްޔިތުން ކަމަށެވެ. އެހެންކަމުން ގާނޫނާ އެއްގޮތަށް އަދުލުވެރިކަމާއެކު އެބޭފުޅުންނާ މެދު އަމަލުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރައީސް ވަހީދު ޓްވީޓް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ފުލުހުންގެ އިދާރާ އަދި ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކުރެއްވުމަށްފަހު އެވެ.
ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ދެ އިލްމުވެރިންނަކީ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދެވެ.
މި ދެ އިލްމުވެރިންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ އިލްމުވެރިންގެ ބަންދަށް ހަތް ދުވަސް ދީފަ އެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ޝައިހް އާދަމް ނިޝާން ޝައިހް ފަޒްލޫން މުހައްމަދަށް ދީނީ އިރުޝާދު ދިނުމަށް ދޫކޮށްފައިވާ ހުއްދަވެސް ވަގުތީ ގޮތުން ހިފަހައްޓާފަ އެވެ.