ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ދިވެހިރާއްޖޭގައި ދާއިމީ ގޮތެއްގައި ބައިތިއްބައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅު ވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ހަރަކާތެއްގައި މާސްކް ތިރިކޮށްލައްވައިގެން ހުންނަވާ ސްޕީޗެއް ދެއްވި މައްސަލާގައި މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނި ކަމެއް އަންނާނެ އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ކޮށްގެން ނުވާނެ ކަމަށެވެ.
ފުލުހަށް ހާޒިރު ކުރެއްވި މައްސަލައާ ގުޅޭ ގޮތުން މާ ގިނަ ވާހަކައެއް ނުދައްކަވަ އެވެ. އެ މަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވި މައްސަލައިގެ ނިމުމަކަށްވީ އެޗްޕީއޭ ގައިޑްލައިންގައިވާ 1000ރ. ގެ ޖޫރިމަނާ އެވެ.
"ދިވެހި ރައްޔިތުންނަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަކީ ވަރަށް މުގައްދަސު އެއްޗެއް ކަމުގައި ދެކޭ ބައެއް އިނގޭތޯ. ސޭކްރެޓް [މުގައްދަސް] އެއްޗެއް ރާއްޖޭގެ މިނިވަންކަމާއި ސިދާތަކީ އިނގޭތޯ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިންގެ ގިނަ ރައްޔިތުން ގަބޫލެއް ނުވާނެ ދާއިމީ ގޮތެއްގައި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭކަށް،"
ދާހިލީ ހަމަ ނުޖެހުމާއި ބޭރުގެ ސިފައިންގެ ފައުޖުތައް ގާއިމުވެ ބޮޑެތި މައްސަލަތައް އުފެދުނު ބައެއް ގައުމުތަކުގައި އދ. ތަމްސީލް ކުރައްވާފައިވާ ތަޖުރިބާކާރު ޑިޕްލްމޭޓް، ރައީސް ވަހީދު ވިދާޅުވީ ބޭރު ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ތިބޭ ގައުމުތައް ދުނިޔޭގައި އެބަހުރި ކަމަށާއި ނަމަވެސް އެއީ ހަނގުރާމައެއްގެ ސަބަބުން ދެ ގައުމެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ. މިހާރު ވެސް ޖަޕާނާއި ޖަރުމަނު އަދި އެނޫން ވެސް ބައެއް ގައުމުތައް ފާހަގަ ކުރައްވާ އެ ގައުމުތަކުގައި އެމެރިކާ ސިފައިން ތިބޭ ކަމަށާ ނަަމަވެސް ރާއްޖެއަކީ އެ ހާލަތުގައި އޮތް ގައުމެއް ނޫން ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"ކަނޑައެޅިފައިވާ ވަކި މަޝްރޫއެއް ހިންގުމަށްޓަކައި ދެ ދައުލަތެއްގެ ދޭތެރޭގައި އެއްބަސްވެގެން ބަޔަކު އައިސް ކަމެއް ނުކުރާށެކޭ ނޫން އަޅުގަނޑު މި ދަންނަވަނީ. އެހެން ނަމަވެސް ދާއިމީ ސިފައެއްގައި ހަތިޔާރު އެޅި ސިފައިންތަކެއް ދިވެހިރާއްޖޭގައި ގާއިމުވެ ތިބުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،"
ވެރިކަމުގައި ހުންނެވި އިރު އިންޑިއާއިން ކުރިމަތި ކުރި އެތައް އެތައް ފިއްތުންތަކެއް އަމިއްލަފުޅު ބަޔޮގްރަފީ "އިންސާފަ" ށް ދޫކޮށްލައްވާފައިވާ ރައީސް ވަހީދު ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމާއި ގުޅޭގޮތުން ވެސް މިއަދު ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާ ރާއްޖެ-އިންޑިއާއިން ވެފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދާނަމަ މައްސަލައެއް ކުރިމަތި ނުވާނެ ކަމަށެވެ.
ރާއްޖޭގައި ހަތިޔާރާއެކު އިންޑިއާ ސިފައިން ބައިތިއްބާފައިވާ ކަމަށް ބުނެ އާންމު ވަރަށް ގިނަ ރައްޔިތުންނާއި އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ދަނީ ވަރަށް ބޮޑަށް އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް "ހަދިޔާކޮށް" ދިވެހިން ސިފައިންނަށް ނުއުދުއްސޭ ގޮތަށް އޮންނަ ހެލިކޮޕްޓަރުތައް ދުއްވަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތާ 12 ވަރަކަށް އަހަރު ވެފައި ވެއެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ މައްސަލާގާއި ހިތްހަމަ ނުޖެހިގެން "އިންޑިއާ އައުޓް" ގެ ނަމުގައި ކެންޕެއިނެއް ފަށައި ދަނީ ފުޅާ ކުރަމުންނެވެ.
މި ކެމްޕޭން ހިނގަމުން ދަނިކޮށް މިއަދު ހެނދުނު ވެސް އިންޑިއާގެ އަސްކަރިއްޔާގެ ދެ މަތިންދާ ބޯޓެއް އުތުރުގެ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ތިރިކޮށްފައި ވެއެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅު ކުރުމުން މޯލްޑިވްސް އިމގްރޭޝަނުން ބުނެފައި ވަނީ އެއީ ސަރުކާރުގެ ހުއްދައާއެކު ޖެއްސި ދެ ބޯޓު ކަމަށެވެ. އަދި ގައުމީ ދިފާއީ ބާރުން ބުނެފައި ވަނީ އެއީ ތަމްރީނު ޕްރޮގްރާމެއްގައި އައި ދެ ބޯޓު ކަމަށެވެ. އެ ދެ ބޯޓުން ރާއްޖެއަށް ފޭބީ ކިހާ ސިފައިނެއް ކަމެއްް އަދި އެމީހުން ކޮވިޑް ކަރަންޓީނު ފުރިހަމަ ކުރާ ކަމެއް ވެސް ނޫން ކަމެއް ވެސް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ރާއްޖޭގެ މިހާރުގެ ސަރުކާރާއި ސަރުކާރު ހިންގާ އެމްޑީޕީއަކީ "އިންޑިއާ ފަސްޓް ޕޮލިސި" އާއެކު އެ ގައުމާއި ކައިރިން މަސައްކަތް ކުރާ ސަރުކާރެކެވެ. އިދިކޮޅުގައި އޮތް ޕީޕީއެމަކީ އިންޑިއާާއަށް ވުރެ ބޮޑަށް ޗައިނާ އާއި އަރަބި ދުނިޔެއާ ކައިރި ކަމެއް ބާއްވައިގެން ސަރުކާރެއް ހިނގި ޕާޓީއެކެވެ.