ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރުހުން ނުލިބުމުން ޝަހީމަށް ގޯސްވީ ރައީސް ސޯލިހު

އިސްލާމިކް މިނިސްޓަރު ކަމަށް ރުހުން ލިބިވަޑައިނުގަތުމާއި ގުޅިގެން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކޯފާ އިސްކުރައްވާ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށްފަހުވެސް ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސައްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ސޯލިހު ނޫނީ ރާއްޖެ ދެކެފައިނުވާ ކަމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އިސްލާމިކް މިނިސްޓަރު ކަމަށް ޝަހީމް އައްޔަންކުރަން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ.

ޑރ. ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ އިސްލާމިކް މިނިސްޓްރީގެ މިއަހަރުގެ އެކްޝަން ޕްލޭން ލޯންޗްކުރުމުގެ ރަސްމިއްޔާތު އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. ޝަހީމް ޝަރަފުވެރިކޮށްދެއްވަމުން ގެންދަވަނިކޮށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެންމެ ހިންގުންތެރި ވަޒީރެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޑރ. ޝަހީމެވެ.

ޝަހީމްގެ ވަޒީރުކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން ގިނަ މަސައްކަތްތަކެއް ފައްޓަވާ ކުރިން ހުއްޓިފައި ހުރި މަސައްކަތްތައްވެސް ފެއްޓެވި އެވެ.