ދިވެހި ޕްރެމިއާ ލީގް

ފޯކައިދޫ ބަލިކޮށް ނިލަންދޫ ގަދަ ހައެއްގެ އުންމީދުގައި

ށ. ފޯކައިދޫގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ގަދަ ހައެއްގެ އުންމީދުގައި ފ. ނިލަންދޫއިން ލީގް ނިންމާލައިފި އެވެ.

މެޗުން މޮޅުވެ، 13 ޕޮއިންޓް ހޯދައި، ނިލަންދޫ މިވަގުތު އޮތީ ހަ ވަނަ މަގާމުގަ އެވެ. ނަމަވެސް ގަދަ ހައެއް ނިލަންދުއަށް ޔަގީން ވާނީ، މިރޭ ވިކްޓަރީ އާއި ގްރީން ސްޓްރީޓް ބައްދަލު ކުރާ މެޗުގެ ނަތީޖާއަށް ފަހު އެވެ. މެޗުން ވިކްޓަރީ ބަލި ވެއްޖެނަމަ ނިލަންދޫއަށް ގަދަ ހައެެގެ މަގާމު ކަށަވަރު ވާނެ އެވެ.

މެޗަށް ނިކުތުމުގެ ކުރިން، ނިލަންދޫގެ ކޯޗް އާދަމް އަބްދު ލަތީފު 'ލައްޗޭ' ބުނީ، ނިލަންދޫގެ އަމާޒަކީ ރާއްޖެ ތެރެއިން އައި ޓީމުތަކުގެ ތެރެއިން ލީގްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާ ޓީމަކީ އެ ޓީމު ކަމުގައި ވުން ކަމަށެވެ. ފޯކައިދުއިން އަމާޒު ހިފީ ސީދާ ގަދަ ހައެއްގެ ތެރެއަށް ވަނުމަށެވެ. އެހެންވެ މި ދެ ޓީމުގެ ކުރިމަތިލުން ފެނުނީ ވަރަށް ފޯރިގަދަ ކޮށެވެ.

ދެ ޓީމުވެސް މެޗަށް ނިކުތީ، މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗުތަކުގައި ފުރަތަމަ ޑިވިޝަންގެ ދެ ކުލަބު ކަމަށްވާ، ވިކްޓަރީ އާއި ގްރީން ސްޓްރީޓް ބަލި ކުރެވުމުން ބޮޑު އިތުބާރަކާއެކު އެވެ.

މެޗުގައި ފެނިގެން ދިޔަ ހަތަރު ލަނޑުވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދިލް އަލީ ވަނީ ނިލަންދޫގެ ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

ނިލަންދޫގެ ފުރަތަމަ ލަނޑު، މެޗު ފެށިގެން ތިން ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ފާރޫގް އިސްމާއީލް އެވެ. ދެ ވަނަ ލަނޑު އާދިލް ކާމިޔާބު ކުރީ މެޗުގެ 15 ވަނަ މިނެޓްގަ އެވެ.

ނިލަންދޫގެ ތިން ވަނަ ލަނޑު ލޫކަސް ކާމިޔާބު ކުރީ މެޗުގެ 22 ވަނަ މިނެޓްގަ އެވެ. ނިލަންދޫގެ ހަތަރު ވަނަ ލަނޑު އާދިލް ކާމިޔާބު ކުރީ 38 ވަނަ މިނެޓްގަ އެވެ.