ހަބަރު

ރިޔާޒް ރަޝީދު ޖޭޕީއަށް ސޮއިކޮށްފި

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ. އޭނާ ޖޭޕީއަށް ސޮއިކުރީ މިރޭ ޖޭޕީ މައި އޮފީސް ކުނޫޒުގައި ބޭއްވި ހަފްލާއެއްގަ އެވެ.

ކޭޕީއަށް ރިޔާޒު ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ކުޑަ ޖަލްސާގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިިމް ވިދާޅުވީ ރިޔާޒްއަކީ އެންމެ ކުރީއްސުރެ އެކުގައި މަސައްކަތް ކުރެއްވި މެންބަރެއް ކަމަށާއި އިހުލާސްތެރި އަދި ގައުމު ދެކެ ލޯބިވާ މެންބަރެއް ކަމަށެވެ. އަދި އެމަނިކުފާނާ ބެޙޭ ގޮތުން ރިޔާޒު ދުވަހަކު ވެސް ގޯސް ބަހެއް ވިދާޅުވި އަޑު ނާހަން ކަމަށް ގާސިމް ވިދާޅުވި އެވެ.

ރިޔާޒު ޖޭޕީއަށް ގުޅިވަޑައިގަތީ ރައްޔިތުންނާއި ދާއިރާގެ ލާބަޔާއި މަންފާއަށް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭނާ ގުޅިވަޑައިގަތީ ޕާޓީގެ ޓިކެޓު ހޯދުމުގެ ބޭނުމުގައި ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަން ރިޔާޒް މި ޕާޓީއާ ގުޅިވަޑައިގަތީ ވަކި ޓިކެޓު ހޯއްދަވާކަށް ނޫން، އެ މަނިކުފާނުގެ އަމިއްލަ ފައިދާއަކަށް ކުރެއްވި ކަމެއް ނޫން މިއީ، ނަމަވެސް އެގޮތަށް މަސައްކަތް ނުކުރައްވާނެއޭ ވެސް ނުބުނާނަން، އެ މީހެއްގެ އަމިއްލަ ސިޔާސީ އެޖެންޑާ ކުރިޔަށް ގެންދިޔުމަކީ މައްސަލައެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

މި ފަހުން ޕާޓީތަކުން ގިނަ މެންބަރުންތަކެއް ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ. އެގޮތުން މިހާރު އެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންނަށް ވުރެ ޖޭޕީ މެންބަރުން ގިނަވާނެ އެވެ.