ލައިފްސްޓައިލް

ސައިކަލު ބުރު: ރޯދަ މަހުގެ އެންމެ ބޮޑު އެއްވުން

ބޮޑެތި އެއްވުންތަކަށް ދިވެހިން މިހާރަކު އަލެއް ނުވާނެ އެވެ. ސިޔާސީ ދިލަހޫނުގެ ތެރެއިން އަބަދުވެސް ކޮންމެވެސް ބަޔަކު އެ ތިބެނީ ކޮންމެ ވެސް ދިމާލަކަށް ނުވަތަ ކޮންމެވެސް ކަންމައްޗަކަށް އެއްވެލައިގެން، މޭ ފުއްޕާލައިގެންނެވެ. އެހެންވީމަ އެއްވުން، އެއީ މިއަދު ދިވެހިންނަށް އެއްވެސް ކަމެއް ނޫނެވެ.

ނަމަވެސް ރޯދަ މަހުގެ އެއްވުން ހާއްސަވެ އެވެ. މިއީ ސިޔާސީ ވާދަވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް ވެސް އޭގައި ނުހިމެނޭ ނިކަން ސާފު އަދި ނިކަން މާތް އެއްވުމެކެވެ. ކޮންމެ ރޯދަ މަހަކު ދިވެހިން މި ޖަހާ ސައިކަލު ބުރު، ހާއްސަކޮށް ފުރަ މާލެއިން މި ފެންނަ ބޮޑު ސައިކަލް ބުރު މިހާރު ސިފަވެގެން އަންނަނީ "ދީނީ ބޮޑު ހަރަކާތެއްގެ" ގޮތުގަ އެވެ.

ޔަގީނަށް ވެސް މިއީ ރޯދަ މަހާއެކު ސިޔާސީ ބްރޭކެއް އަންނައިރު ގައުމުން އަޅުގަނޑުމެންނަށް ފެނިގެންދާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

"މިއީ މިހާރު އާދަވެފައިވާ ކަމެއް. ރޯދަ މަހު އެންމެން ނަމާދަށް އަރަން އާދަވާ ގޮތަށް އާދަވެފައި އޮންނަ ކަމެއް ކޮންމެ އަހަރަކު މިއީ،" ރޯދަ އަށް ހުރި ހަ އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން މާލޭގެ ބޮޑުތަކުރުފާނު މަގަށް ޕީސީއެކްސް ސައިކަލެއްގައި ނުކުމެ، ކާރުބާރު ބޮޑުކަމުން ކުރިއަށް ނުދެވިފައި ހުރި އާދަމް ނިޔާޒު ބުނެލީ މިހެންނެވެ.

ސައިކަލުތަކުގައި ހަވީރުގެ ފިންޏަށް އިއްޔެ މާލޭގެ ބޭރު މަގަށް ނުކުތް މީހުންނާ އެކު މަގު ތޮއްޖެހިފައި އޮތް ވަރުން ސައިކަލުތަކުގައި ތިބި އެހެން މީހުންނާ އެކު ނިޔާޒު ވެސް ހީވަނީ ދެ ފައިން ފަލި ޖަހަމުން ސައިކަލުގައި ކުރިއަށް ދާހެންނެވެ. މިއީ ރޯދަ މަހެއް އަތުވެއްޖެ ނަމަ ހަވީރުގެ މި ހިތްގައިމު ވަގުތު ހަރާބުވެގެން ނުވަތަ ހަލާކުވެގެންދާ ގޮތެވެ.

ނަމަވެސް ސައިކަލްތަކުގައި ހަވީރު ފިންޏަށް ނުކުންނަ މީހުންނަށް އަދި މިކަން ވަނީ މާ މަޖާ ކަމަކަށެވެ. މާ ބޮޑަށް ރޯދަ ކުރުކޮށްދޭ ކަމަކަށެވެ.

"އަސްލު މިހާ ގިނަ ބަޔަކު މިގޮތަށް އެއް މަގުސަދެއްގައި ނުކުމެ އުޅޭތަން ފެނުމުން ލިބޭ ހިތްހަމަޖެހުމެއް ވެސް އޮވޭ. ކޮންމެހެން ސައިކަލުގައި ހަވީރު މި ނުކުންނަނީ ބާރަށް ދުއްވާފައި ގޮސް އެކްސިޑެންޓެއް ވާކަށް ނޫން،" ސުޒުކީ ޖީއެން ސައިކަލެއްގައި އެކުވެރިޔަކު ގޮވައިގެން ނުކުމެ އުޅުނު ހުސެއިން މުއާޒް ބުނީ މިހެންނެވެ.

"މި ސައިކަލް ބުރު ހާއްސަވަނީ މިގޮތަށް މީހުން ތޮއްޖެހި ކުރިއަށް ނުދެވި ތިބެން ޖެހޭތީ. މީގެ ފޯރި އަކީ ވެސް އެއީހެން އަޅުގަނޑަށް ހީވަނީ."

ފަހަރެއްގައި އެއީ ތެދެކެވެ. ރޯދަ މަހަކީ ހުރިހާ ކަމެއްގައި ވެސް މީހުން ކިޔޫތަކުގައި ޖެހި ތޮއްޖެހޭ މައްސަރެކެވެ. ނަމާދަށް ދާ މީހާ ވެސް ގިނަ ފަހަރަށް ޖެހެން ޖެހެނީ ކިޔޫއެއްގަ އެވެ. އެއީ އެހެން މަސްތަކާ ހިލާފަށް މިސްކިތަކަށް އަރާ މީހުން ރޯދަ މަހު އާދަޔާހިލާފަށް އިތުރުވެފައި މިސްކިތާ އެކު މިސްކިތް ހިމެނޭ މުޅި ހިސާބުގަނޑު ވެސް ފުރިގެން ބަންޑުންވެފައި އޮންނާތީ އެވެ. 

ކޮންމެއަކަސް "ރޯދަ މަހުގެ ސައިކަލު ބުރު" ބަލާލުމަށް ބޮޑުތަކުރުފާނު މަގަށް ނުކުމެލީމަ ފެންނަ އެހެން މަންޒަރެއް ވެސް އެބައޮތެވެ. އެކި ވައްތަރުތަކުގެ ސައިކަލުތަކުގެ އާދަޔާހިލާފުމަކެވެ. ރޯދަ މަހަށް ގޭގައި ހިފައި ގެންގުޅޭ ތަކެއްޗާއި ޓީވީ ބަދަލުކުރާހެން ބައެއް މީހުންނަކީ ރޯދަ މަހަކަށް ސައިކަލް ވެސް އާކޮށްލާ މީހުންނެވެ.

އަނެއްކޮޅުން މިހާރުގެ ގިނަ ދިވެހިންނަށް ކަމުދަނީ ވެސް ސައިކަލު، އޭގެ ސައިޒުން ބޮޑުވި ވަރެކެވެ. އެންމެ ކުޑަކޮށް، ހިމަތޮޅިކޮށް ހުންނަ މީހާ ވެސް އަރައި މި ހުންނަނީ މާ ސިންގާ ސައިކަލަކަށެވެ.

އެގޮތުން ޕީސީއެކްސް އަކީ މި ރޯދަ މަހުގެ އެންމެ މަގްބޫލު ސައިކަލުކަން ޔަގީނެވެ. މި ސައިކަލްތަކެއްގެ ވާދަވެރިކަމެއް ބޮޑުވެގެން ގޮސްފައި އޮތް މިންވަރަކީ، ޕީސީއެކްސްއެއް ތައާރަފްކޮށް އޭތި ވައިގައި ހިފީމަ ޔަމަހާގެ ސައިކަލްތައް ރާއްޖޭގައި އެންމެ ފުޅާކޮށް ވިއްކާ އެލިއާ އިން ވެސް ހަމަ އެ ސައިޒްގެ ސައިކަލެއް ބާޒާރަށް ނެރުމެވެ.

"ސައިޒް ވަރަށް މުހިންމޭ މިހާރު. އެހެންވީމަ ކުރިން ދުއްވި ވޭވް ސައިކަލް ވިއްކާލާފައި މިހާރު މީތި މި ނެގީ،" ރަތް ކުލައިގެ ޕީސީއެކްސްއެއްގައި ހުރި ޒުވާނަކު ބުނީ މިހެންނެވެ.

އޭނާ ބުނީ ރޯދަ މަހަކަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު އާ ސައިކަލެއް ނުހޯދިޔަސް ރޯދަ އަށް ގެ ފޮޅައި ސާފުކޮށް ދޮންނަ ފަދައިން ސައިކަލް އަމިއްލަ އަށް ދޮވެނުލެވޭ ނަމަ ހިތްހަމައެއް ވެސް ނުޖެހެ އެވެ.

އެކަމަކު ބައެއް މީހުންނަކީ އިއްޔެގެ ފިނި ބުރަށް ނުކުތްއިރު ރޯދަ މަހަށް އެމީހުންގެ ސައިކަލުތައް އާ ކޮށްލައިގެން ނުކުތް މީހުންނެވެ.

"ހިތަށް އެރީ މިފަހަރުގެ ރޯދަ އަށް ސައިކަލު އާ ކޮށްލާނީއޭ. ޑިއުޓީ ވެސް ބޮޑުކުރަން އުޅޭ ކަހަލަ އަޑެއް ވެސް އަރައިގެން ދިޔައީމަ އަސްލު ސައިކަލް އާކޮށްލީ ބޮޑަށް،" އިބްރާހިމް ހަސަން ނަމަކަށް ކިޔާ މެދުއުމުރުގެ މީހަކު ބުންޏެވެ.

ރޯދަ މަހުގެ މި ސައިކަލްބުރަށް ބަލާއިރު އަސުރުން ފައިބާ ގޮތަށް ބައެއް މީހުން މާލެ ވަށައިގެން އެނބުރެން ފަށަ އެވެ. އެކަމަކު އެއީކީ އަދި ފިނީގެ ވަގުތެއް ވެސް ނޫނެވެ. އެހެންވީމަ މިހާ ކުރިން މި ސައިކަލް ބުރަކަށް ނުކުންނަ މީހުން އެ ޖަހަނީ ފިނި ބުރެކޭ ވެސް ބުނެވޭކަށް ނެތެވެ.

ރޯދަ މަސް ރޯދަ މަހަށްވީމަ ގިނަ މީހުން މި ތިބެނީ ހަމަ ކުރާނެ ކަމެއް ނެތި ފޫހިވެފަ އެވެ.

އެކަމަކު ނަމާދުކޮށް ގުރުއާން ކިޔަވައިގެން ހަވީރުގެ ފިންޏަށް ގަވާއިދުން ނުކުންނަ މީހުން ވެސް އުޅެ އެވެ. އަދި ބައެއް ކުދިން ރޯދަ ހިފައި ގުރުއާން ކިޔަވައި ނަމާދުކުރުމުން އެ ކުދިންނަށް ލިބޭ ހާއްސަ ހަދިޔާއަކަށް ވެސް ހަވީރުގެ ސައިކަލް ބުރުވެ އެވެ.

"މިއީ ހަމަ އަޅުގަނޑުގެ ދަރިފުޅު މިއަދު ރޯދަ އަށް ހުރީމަ އޭނަ ހިތްހަމަޖައްސާލަ ދޭން ނުކުމެލީ. އެކަމަކު ކުރިއަކަށް ދެވޭ ވަރެއް ނޫން އިނގޭތޯ،" ކުޑަ ފިރިހެން ދަރިފުޅާ އެކު ސައިކަލް ބުރަކަށް ނުކުމެ އުޅުނު ބައްޕައަކު ބުންޏެވެ.

ގިނަ މީހުން އެމީހުންގެ ކުދިންނާ އެކު ހަވީރު ފިންޏަށް ނުކުންނައިރު ބައެއް ޒުވާން ފިރިހެން ކުދިންގެ ބައިވެރިޔަކީ އެމީހުންގެ ލޯބިވެރިޔާ އެވެ. ނުވަތަ ސެޓްކުރަން ހިތުލައިގެން އުޅޭ އަންހެން ކުއްޖާ ގޮވައިގެން "ލޯބީގެ ބުރަކަށް" ނުކުންނަ ޒުވާނުން ވެސް އުޅެ އެވެ.

އެއިން ޒުވާނެއްގެ ހިޔާލެއް ވެސް ހޯދައި ނުލެވެނީ ސައިކަލު ފަހަތަށް އަންހެން ކުއްޖާ އަރުވައިގެން މޮޅެތި ވައްތަރު ޖައްސަން ޖައްސަމުން ދާތީ އެވެ.

ކޮންމެއަކަސް ރޯދަ މަހާއެކު ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނައިރު ހަވީރު ފިންޏަށް ނުކުމެ އެ ޖަހާލާ ސައިކަލް ބުރާއި ފައިމަގުގައި ބައެއް މީހުން އެ ޖަހާލާ ބުރަކީ ފާހަގަކޮށްލެވޭ ސަގާފަތެކެވެ.

މިހާރު ވެސް ވަރަށް ގިނަ މީހުން ތައްޔާރުވަމުން ދާނީ ބައިވެރިޔަކު ހޯދައިގެން ހަވީރު ފިންޏަށް ބޭރަށް ނުކުމެލުމަށެވެ. ނަސޭހަތަކީ މި ސައިކަލް ބުރެއްގެ ތެރެއިން ކުރިއަށް ނުދެވިގެން ރުޅިގަދަކޮށްލައިގެން ރޯދަ ގެއްލުވާނުލައްޗޭ އެވެ. 

އަދި އެކްސިޑެންޓަކަށް މަގުފަހިވެ ބޯފަޅައިގެން ފުރާނަ އަށް ގެއްލުންވާ ފަދަ ގޮތަކަށް ނުދުއްވައްޗޭ އެވެ. ހާއްސަކޮށް އައްޑޫގެ ލިންކު ރޯޑަށް ހަވީރު ފިންޏަށް ނުކުންނަ ފަރާތްތައް މިކަމަކަށް ސަމާލުވާން ޖެހޭނެ އެވެ.

ސަބަބަކީ އެތަނުގައި ބާރަށް ދުއްވާނެ ތަން އޮވެފައި ބާރަށް ސައިކަލް ދުއްވައިގެން އެތައް ބަޔަކު އެ މަގުގައި މަރުވެފައި ވެސް ތިބީމަ އެވެ. މާލޭގައި ވާ ގޮތަކީ ކިތަންމެ ބާރަށް ދުއްވަން ބޭނުންވިޔަސް ތޮއްޖެހިފައި އޮންނަވަރުން އެގޮތަކަށް ނުދުއްވޭނެ އެވެ.