ޖުމްހޫރީ ޕާޓީ، ޖޭޕީއަށް ގިނަ އަދަދެއްގެ މަޖިލީސް މެންބަރުން ގުޅިވަޑައިގަތުމާއެކު ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް އެ ޕާޓީ ވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ ދެވަނަ އަށް އެންމެ ބޮޑު، މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މިއަދާ ހަމަޔަށް އޮތީ އެމްޑީޕީ އެވެ. އެއީ 22 މެންބަރުންނާއެކުގަ އެވެ. ނަމަވެސް އެމްޑީޕީގެ ފަސް މެންބަރުން މަޖިލީހުން އިސްތިއުފާ ދެއްވާ ކެބިނެޓަށް ވަޑައިގަތުމާއެކު އެ ޕާޓީގެ މެންބަރުންގެ އަދަދު 17 އަށް ވެއްޓުނެވެ. ނަމަވެސް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އެ ޕާޓީއާ ގުޅިވަޑައިގަތުމުން އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 19 އަށް އަރައިފަ އެވެ.
ނަމަވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ އަދަދަކަށް މަޖިލީސް މެންބަރުން ދިޔައީ ޖޭޕީއާ ގުޅިވަޑައިގަންނަވަމުންނެވެ. އެގޮތުން އިއްޔެއާ ހަމަޔަށް ޖޭޕީ ވަނީ އެމްޑީޕީއާ އެއްވަރުކޮށް 19 މެންބަރުން ހަމަކޮށްފަ އެވެ. ނަމަވެސް މިރޭ އެ ޕާޓީއާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ގުޅިވަޑައިގަތުމާއެކު އަދަދު ވަނީ 20 އަށް އަރާ އެމްޑީޕީގެ މައްޗައް ކުރި ހޯދައިފަ އެވެ. ދެވަނައަށް އެންމެ ބޮޑު ޕާޓީއަށް ވުމާއެކު މަޖިލީހުގައި ޖޭޕީ ވާނީ މައިނޯރިޓީ ޕާޓީއަށެވެ. އަދި މައިނޯރިޓީ ލީޑަރަކަށް ޖޭޕީގެ ޕީޖީ ލީޑާރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެވަޑައިގަންނަވާނެ އެވެ.
ޖޭޕީއަށް އަލަށް ސޮއި ކުރި މެންބަރުން:
- ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ
- ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން
- އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު
- ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު
- މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
- ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު
- ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން
- މާވަށު ދާއިރާގެ އަހުމަދު އަޒްހާން ފަހުމީ
- ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކު
- މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސައިން
- ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
- ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު
މަޖިލީސް މެންބަރުން ޕާޓީ ބަދަލު ކުރަން ފަށާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލި ފަހުންނެވެ. ޕާޓީ ބަދަލު ކުރި ބައެއް މެންބަރުން ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހޭ ކަމަށް ބުނެ ބަހުސްކުރި އެވެ.
ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ ތެރެއިން އަދިވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވީ ތިނަަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމެވެ. އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވެސް ވަކި ޕާޓީއަކާ އަދި ގުޅިވަޑައިނުގަންނަވަ އެވެ.