މަތީ ތައުލީމް ހާސިލުކުރަން ބޭނުންވާ ކުދިންނަށް ރާއްޖޭގައި ހިލޭ މަތީ ތައުލީމަށް ކިޔެވޭނެ ގޮތް ހަމަޖެހިގެންދިޔުމަކީ، ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަމުގައި ރައީސްގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހިލޭ މަތީ ތައުލީމް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި އެވިޑް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސްގެ ނައިބު ވަނީ އެވިޑް ކޮލެޖުން ދަސްވެނިވުނު ހުރިހާ ދަރިވަރުންނަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާފައެވެ. އަދި، އެ ދަރިވަރަކު މަތީ ތައުލީމު ހާސިލުކުރި ދާއިރާއަކުން ގައުމަށް އިހްލާސްތެރި މަތިވެރި ބިނާކުރަނިވި ހިދުމަތްތަކެއް ކޮށްދެއްވާނޭކަމަށް ޔަގީންކުރައްވާކަމުގައި ރައީސްގެ ނައިބު ވަނީ ވިދާޅުވެފައެވެ.
މިރަސްމިއްޔާތުގައި ރައީސްގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި މި ސަރުކާރުން ތަފާތު އެކި ތަމްރީނުތަކާއި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްތައް ހިންގެވުމަށް ރާވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސްގެ ނައިބު ވަނީ މާސްޓާ އޮފް ޕްރޮޖެކްޓް މެނޭޖެމަންޓް ހާސިލުކުރި ދަރިވަރުންނަށާއި، މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރި ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.