ދިވެހި ޕްރެމިއާ ލީގް

މަގާމަށް ބަދަލެއް ނައިސް ވިކްޓަރީން ސީޒަން ނިންމާލައިފި

ލީގްގައި ވިކްޓަރީ ކުޅުނު ފަހު މެޗުގައި، ގްރީން ސްޓްރީޓް އަތުން 4-2 ން ބަލިވެ ލީގްގެ މަގާމަށް ބަދަލެއް ނައިސް ވިކްޓަރީ ސްޕޯޓްސް ކުލަބުން ސީޒަން ނިންމާލައިފި އެވެ.

ދެ ވަނަ ބުރު އެ ޓީމުން ނިންމާލީ ތާވަލުގެ ފުލުގައި އޮވެގެންނެވެ. ގްރީން ސްޓްރީޓް އަތުން މޮޅުވިނަމަ، ތާވަލުގެ ހަ ވަނަ އަށް އެރޭނެ އެވެ. ނަމަވެސް މެޗުން ބަލިވުމުން، ފ. ނިލަންދޫ ވަނީ ގަދަ ހައެއްގެ މަގާމު ޔަގީން ކޮށްފަ އެވެ. ލީގްގެ އިނާމު ފައިސާ ބެހިގެން ދާނީ، ގަދަ ހަ ޓީމުގެ މެދުގަ އެވެ.

ގްރީން އާއި ވިކްޓަރީގެ މެޗުގައި، ފުރަތަމަ ލީޑް ނެގީ ވިކްޓަރީންނެވެ. އެ ޓީމުގެ މިރާހް މުހައްމަދު ވަނީ މެޗު ފެށިގެން ދެ ވަނަ މިނެޓްގައިލީޑް ނަގައިދީފަ އެވެ. ވިކްޓަރީއަށް ލީޑްގައި އޮވެވުނީ އެންމެ ހަތް މިނެޓެއްހާއިރު އެވެ. ގްރީންގެ ކެޕްޓަން އަސްހަދު އަލީ ވަނީ މެޗުގެ 10 ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ.