ރާއްޖޭގެ މާލީ ހާލަތު ހަފްތާއަކު އެއްފަހަރު އާންމު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަލިފުޅުތުއްތު ފައުންޑޭޝަންގެ ފަރާތުން ކ. ދިއްފުށީގައި ގާއިމްކުރި ނަރުދަމާ އާއި ފެނުގެ ނިޒާމް އިއްފްތިތާހު ކޮށްދެއްވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ވޭތުވެ ދިޔަ ދުވަސްތަކުގައި ކަންތައްތައް ހިނގާފައިވާ ގޮތުން ކޮރަޕްޝަނާއި ފަސާދައަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި މުއައްސަސާތަކާ ވެސް ބައްދަލުކޮށް ކަންކަން ހިނގާފައިވާ ގޮތް ސާފުކުރަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ބައްދަލުވުންތަކުން އެނގުނު އެއްކަމަކީ ކަންކަން މިހާރަށް ވުރެވެސް ބޮޑަށް ހާމަކަން ބޮޑުގޮތެއްގައި ކުރުމެވެ.
ރައީސް ސޯލިހު ވިދާޅުވީ އެކި ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ މައުލޫމާތު މިހާތަނަށް އާންމުނުކޮށް ހުރި ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި، ޓޫރިޒަމް މިނިސްޓްރީ އިން މިހާރު އެ މައުލޫމާތު ވެސް ހާމަކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ މާލީ ހާލަތު ހުރި ހިސާބު ވެސް އާންމުންނަށް އެނގެން ޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްވާ ހަފްތާއަކު އެއްފަހަރު މި ސަރުކާރުގެ މާލީ ހާލަތު އޮތް ގޮތް އަޅުގަނޑުމެން ހާމަކުރަމުން ދާނަން. އަންނަ ހަފްތާއިން ފެށިގެން އެކަން އަޅުގަނޑުމެން ކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ރައްޔިތުންނާ ކައިރިން ރައްޔިތުންނަށް ކަންކަން ވީހާ ވެސް ހާމަކޮށްގެން ހިންގާ ވެރިކަމަކަށް މިވެރިކަން ވާނީ. އެގޮތުގައި އަޅުގަނޑުމެން ދެމި ތިބޭނަން،"
ރައީސް ސޯލިހު ވިދާާޅުވީ އަތޮޅުތައް މިހާރަށް ވުރެ ބޮޑަށް ތަރައްގީވާން ޖެހޭ ކަމަށާއި އެކަމަށް މި ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުވުން ކަމަށެވެ. އެގޮތުން އަންނަ ހަފްތާގެ ތެރޭގައި ކައުންސިލްތަކަށް އިތުރަށް ބާރުތައް ދޫކޮށްލާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލާއި، އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް ކުރިން ދީފައި ނުވާ ބޮޑެތި ބާރުތަކެއް ދޫކޮށްލާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.