ދިވެހި ޕްރިމިއާ ލީގްގެ ޝީލްޑް ޓީސީން އުފުލާލިއިރު، އެ ޓީމުގެ "ޗެމްޕިއަން ޓީޝާޓް" ގަޔަށް މަހާލައިގެން، ޓީމުގެ ކިޔުއަށް އަރާ ހުރީ، ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު "މޯ" އީސާ އެވެ. ކުރިން ޓީސީގެ މެނޭޖަރު ކަމުގެ މަގާމު އަދާ ކުރިނަމަވެސް މިދިޔަ އަހަރު ގައުމީ ޓީމުގެ މެނޭޖަރު ކަމާ އޭނާ ހަވާލުވި ހިސާބުން ޓީސީގައި އޭނާގެ ހައިސިއްޔަތެއް ނެތެވެ.
ޓީސީގެ ޓީޝާޓް ލައިގެން އެންމެންގެ ކުރިމަތީގައި އޭނާ ހުއްޓިގެން ހުރުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެކަމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ފާޑު ކިޔުން އަމާޒުވި އެވެ. ވައިބާ ގުރޫޕްތަކުގައި އެ ވާހަކަ އޮލަކޮށް ދެކެވުނެވެ. ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމުގައި ހުރެގެން މުހައްމަދު އީސާ ޓީސީގެ ތައްގަނޑުޖެހި ޓީޝާޓް ގަޔަށް މަހާލައިގެން ހުރުމަކީ މަސްލަހަތު ފުށުއަރާނެ ކަމެކެވެ.
އަނެއް ކަމަކީ، ފައިނަލް މެޗަށް ފަހު ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ އެންމެ އިސްވެރިން ހާޒިރުވެ ތިބި ތަނެއްގައި މޯ އެގޮތަށް އަމަލު ކުރުމެވެ. އެއީ ވަކިން ބޮޑަށް އޭނާއަށް ފާޑު ކިޔުން އަމާޒުވި ކަމެކެވެ.
މި ލިސްޓަށް އިތުރުވާ އަނެއް ނަމަކީ، އެފްއޭއެމްގެ ގައުމީ ޓީމުގެ ކޮމިޓީގެ ޗެއާމަން އަލީ ނާޝިދު 'އަގަރު އައްޔަ' އެވެ. އޭނާ އަކީ ގައުމީ ޓީމުތަކުގެ އެގްޒެކެޓިވް މަސައްކަތްތަކަށް އެފްއޭއެމުން ކަނޑައަޅާފައިވާ އެންމެ އިސް ފަރާތެވެ. ގައުމީ ޓީމުތަކުގެ މަގާމުތަކަށް މުވައްޒަފުންނާއި އޮފިޝަލުން ހަމަޖައްސަނީ އޭނާ އިސްވެ މަސައްކަތް ކުރާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
މި އަހަރު ބޭއްވި، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އޭނާ ވަނީ، އެ މުބާރާތުގައި ވާދަ ކުރި ޖޭޖޭ ސްޕޯޓްސްގެ ހެޑް ކޯޗުގެ މަގާމުގައި ހުރެ އެ ޓީމަށް ކޯޗް ކޮށްދީފަ އެވެ. މިއީ ގައުމީ ޓީމުގެ ކޮމިޓީގެ ޗެއާމަންގެ ވާހަކަ އެވެ.
ފުޓްބޯޅައިގެ އިސް މަގާމުތަކުގައި ތިބެ، ކުލަބުތަކުގައި މަސަލަހަތު ފުށުއަރާ ހައިސިއްޔަތު ނަގައިގެން ތިބުމަކީ ބަލައިގަނެވޭނެ މަންޒަރެއް ނޫނެވެ. ފުޓްބޯޅަ އިދާރާ އެފްއޭއެމުންވެސް މިކަމާ ރިއާޔަތް ކުރަން ޖެހެ އެވެ.