މާލެ ބަނދަަރަށް އަންނަ ކްރޫޒްލައިނާ ތަކަށް ހިދުމަތް ދިނުމުގައި ހުރި ދަތިތައް ބައްލަވަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަމިއްލަ ފުޅަށް މިހާރު ބަނދަރުގައި އޮތް ކްރޫޒްލައިނާއަށް ވަޑައިގެންފި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) ގެ އޮފިޝަލަކު ވިދާޅުވީ މާލެ ބަނދަރަށް ޓޫރިސްޓުން ގޮވައިގެން އަންނަ ބިޔަ އުޅަނދު ފަހަރަށް ހުރި ދަތިތައް ބައްލަވަން މިނިސްޓަރު އަލީ އަމިއްލަ ފުޅަށް މިހާރު ބަނދަރުގައި އޮތް ކްރޫޒްލައިނާ އަށް ވަޑައިގެންފައިވާ ކަމަށެވެ.
"މިނިސްޓަރު ވިދާޅުވި އަމިއްލަ ފުޅަށް ދިއުމުން މި ހިދުމަތް ދިނުމުގައި ހުރި ދަތިތައް އެނގިފައި ގެންނެވި ކަމަށް ވިދާޅުވި. އެކަންތައް ހައްލު ކޮށްދެއްވުމަށް އެހެން ވުޒާރާތަކާ ވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި،" އޮފިޝަލް ވިދާޅުވި އެވެ.
މާޔާގެ އޮފިޝަލް ވިދާޅުވީ ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮވައިގެން އަންނަ އުޅަނދު ފަހަރުން ޓޫރިސްޓުން ބާލަން ގިނަ ދަތި ތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
"މި އަންނަނީ 3000 މީހުން ގޮވައިގެން. އައިސް މި އޮންނަން ޖެހެނީ 2 މޭލެއްހާ ދުރުގައި. އެތަނަށް ޓޫރިސްޓުން ގޮވައިގެން ދާން އެބަ ނަގާ 30 މިނެޓު ބޯޓަކަށް،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ އިތުރުން މާލެ ފައިބާ މީހުންނަށް ފާހާނާ ކުރެވޭނެ ގޮތެއް ނެތުމާއި ފައިބާގެ ރަނގަޅު ފާލަމެއް ނެތުން ފަދަ ގިނަ ދަތި ތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް މާލެ އަށް ޓޫރިސްޓުން ފޭބުމުން ވިޔަފާރިއަށް ގިނަ ފައިދާތަކެއް ލިބެމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ޓޫރިސްޓުން ފައި ބައިގެން ތިބެން މި ޖެހެނީ ވާރޭ ވެހެންޏާ ވާރޭގައި. އަވިދެންޏާ އަވީގައި. ފާހާނާ އެއް ވެސް ނުހުރެ މި ތަނަކު،" އޮފިޝަލް ވިދާޅުވި އެވެ.
މާޔާއިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރު 25 ކްރޫޒްލައިނާ އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.