ހަބަރު

ގޮނޑިތައް ބަހާނެ ގޮތުގެ އެއްބަސްވުމެއް ނޯންނާނެ: ހަސަން

ރައްޔިތުން މަޖިލީސް އިންތިހާބުގައި ދާއިރާތައް ބަހާނެ ގޮތަކާ މެދު ކޯލިޝަންގެ މެދުގައި އެއްބަސްވުމެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ކޯލިޝަންގެ ބައްދަލަވުންތައް ހިނގަމުން ދިޔަ ދުވަސްވަރު ޖުލައި 12 ވަނަ ދުވަހު ކޯލިޝަންގެ ބައިވެރިން އެކުވެ މަޝްވަރާކޮށް ނިންމާފައި ވާނީ ރިޔާސީ އިންތިހާބާއި އޭގެ ފަހުން ކުރިޔަށް ދާނެ ގޮތަކާ މެދު ކަމަށެވެ. އަދި އެ ހުށަހެޅުމުގައި އޭނާ އާއި ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ސޮއި ކުރެއްވި ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް އެއީ އެއްބަސްވުމެއް ކަމަށް ނުދެކޭ ކަމަށާއި ގޮނޑިތައް ބަހާނެ ގޮތަކާ މެދު ވެސް އެއްބަސްނުވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"އެއީ އެއްބަސްވުމެއް ކަމަށް އިއްތިހާދުގެ ބައެއް ބޭފުޅުން އެގޮތަށް ދެކިވަޑައިގެން ތިއްބެވިޔަސް އަޅުގަނޑުމެންނެއް ނެދެކެން އެއީ އެއްބަސްވުމެއް ކަމަށް، ހުށާހެޅުމަށް އަޅުގަނޑުމެން ހުށާހެޅީ އެހެން ޕާތީތަކުން ދެކޭ ގޮތް ބަލަން، ކޯލިޝަންގެ ހުރިހާ ޕާޓީއަކުން އެއަށް އެއްބަހެއް ނުވި އެކިއެކި ސަބަބުތަކާ ހެދި ބައެއް ޕާޓީ އެއްބަހެއް ނުވެވުނު، އެހެންވެ ގޮނޑިތައް ބަހާނެ ގޮތަކާ މެދު އެއްވެސް އެއްބަސްވުމެއްގައި މި ޕާޓީ އިން ސޮއިކޮށްފައި ނޯންނާނެ،" ހަސަން ވިދާޅުވި އެވެ.

ހަސަން މިހެން ވިދާޅުވި ނަމަވެސް "އަވަސް"އަށް ލިބިފައިވާ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައިވެފައިވާ އެއްބަސްވުމުގައި އެމްޑީޕީއިން އެއްބަސްވާ ކަންކަން ގޮތުގައި ބުނެފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓު ދިނުމަށެވެ. އެ ހަމައަށް މަޖިލިސް އިންތިހާބާއި 2020 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ވާދަ ކުރައްވާނެ ކަމަށް އެ އެއްބަސްވުމުގައި ބުނެފައިވެ އެވެ.